ސައޫދީ އަރަބިއްޔާގެ ރައްޔިތުން ޕާކިސްތާނަށް ދަތުރުކުރަން ދެން ވިސާ ބޭނުން ނުވާނެ ކަމަށް، ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުނެފި އެވެ.
ސައޫދީގެ އާންމު ރައްޔިތުންނަށް ވިސާއާ ނުލައި ޕާކިސްތާނަށް ދަތުރުކުރެވުނު ނަމަވެސް، ސަރުކާރުގެ ރަސްމީ އޮފިޝަލުންނަށް މި ފުރުސަތު ނޯންނާނެ ކަމަށް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.
އޮފިޝަލުން ދަތުރުކުރަން ޖެހޭނީ އާދައިގެ މަތިން ކުރިއާލައި ވިސާ ހޯދައިގެން ކަމަށް ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވި އެވެ.
ޕާކިސްތާނުން ސައޫދީއަށް ވިސާ ލުއިދޭން ނިންމީ ދުވަސްތަކެއް ވަންދެން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރުމަށް ފަހު އެވެ. މި މަޝްވަރާތަކުގައި ސައޫދީ ފަރާތުން ބައިވެރިވެވަޑައިގަތީ، ޕާކިސްތާންގައ ހުންނަވާ ސައޫދީ ސަފީރު ނަވާފް ބިން ސައީދު އެވެ.
ސައޫދީ އަރަބިއްޔާއާ ޕާކިސްތާންއާ ދެމެދު މިފަހުން ވަނީ ގުޅުން ބަދަހިކުރުމަށް ދެމެހެއްޓެނިވި މަޝްވަރާތަކެއް ކޮށްފަ އެވެ. މި މަޝްވަރާތަކުގައި ކުށްވެރިން ބަދަލުކުރުމާ ބެހޭ ގޮތުން ވެސް ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.
މި ގޮތުން ސައޫދީގައި ބަންދުކޮށްފައި ތިބި ޕާކިސްތާންގެ ފަސް މީހަކު ވަނީ ދޫކޮށްލާފަ އެވެ. މި މީހުން ހައްޔަރުކުރީ ސައޫދީއަށް މަސްތުވާ ތަކެތި އެތެރެކުރި މައްސަލާގަ އެވެ. ނަމަވެސް، އެ މީހުންގެ ކުށެއް ނެތްކަން ފަހުން ވަނީ ތަހުގީގަށް ކަށަވަރުކުރެވިފަ އެވެ.
ޕާކިސްތާންގެ ވަރަށް ގިނަ މީހުން ސައޫދީގައި މަސައްކަތްކުރެ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ސައޫދީގައި މަސައްކަތްކުރާ ޕާކިސްތާން އާބާދީ 1.9 މިލިއަނަށް އަރަ އެވެ.
ސައޫދީ ވެފައި ވަނީ ޕާކިސްތާނަށް އެންމެ ގިނައިން ބޭރު ފައިސާ ލިބޭ ގައުމު ގޮތުގަ އެވެ. ސައޫދީގައި މަަސައްކުރާ ޕާކިސްތާން މީހުން އަހަރަކު 4.5 ބިލިއަން ޑޮލަރު އާއިލާތަކަށް ފޮނުވަ އެވެ.