ޑރ. މުހައްމަދު މުއިއްޒު

ސިފަައިންނަށް ކުރިއެރުން ހޯދައިދޭތީ ފަހުރުވެރިވާންޖެހޭ: ރައީސް

ދިވެހި ސިފައިންނަށް ހޯދައިދޭ ކޮންމެ ކުރިއެރުމަކާ މެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަޚުރުވެރިވާން ވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް، މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި، ސިފައިންނަށް ހޯދައިދޭންޖެހޭ ވަޞީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސިފައިންގެ ބާރު އިތުރުކުރުމަކީ އަޅުގަނޑުމެން ފަޚުރުވެރި ވާންޖެހޭނެ ކަންކަން ކަމަށެވެ. ގައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށްޓަކައި ކުރެވޭ ކޮންމެ ޤައުމީ މަސައްކަތަކީ މި މިނިވަން މުސްތަޤިއްލު ޤައުމުގެ ހިމާޔަތާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި އަދި އެ މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަޚުރުވެރިކަމާއެކީ ކުރަންޖެހޭ މަސައްކަތްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަމާ މަލާމާތްކުރާ މީހުންނަކީ، ޤައުމިއްޔަތުކަމެއް ނެތް، ޤައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުންގޮސް ޤައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަވާ ވިސްނުމުގެ މީހުން. އެ ވިސްނުމުން ޤައުމު ސަލާމަތްކުރުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް. މި ޤައުމަށް އުފަން، ކޮންމެ މައް ދިވެއްސެއްގެ ހިތުގައި ޤައުމީ ލޯބި ހުންނަންޖެހޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 17 ނޮވެންބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް، އަދި މިއަދާއި މާދަމާވެސް އެމަނިކުފާނުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވާނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކަށަވަރުކަމާއެކީގައި ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދެއްވުން ކަމަށާއި، އެ ވާޖިބު އަދާކުރެއްވުމުގައި އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ސިފައިން ކަމަށެވެ. ދިވެހި ޤައުމު ހިމާޔަތްކުރާނީ ހުރިހައި މާނައެއްގައިވެސް މިނިވަންކަން ކަށަވަރުކުރަމުންކަމުގައްޔާއި، އޭގެ ތެރޭގައި އިޤްތިޞާދީ މިނިވަންކަމާއި އަސްކަރީ މިނިވަންކަންވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ ކުޑަ އާބާދީއެއް ކަމުގައިވީ ނަމަވެސް، ސަރަޙައްދުގެ ގޮތުން ބިޔަ ޤައުމެއް ކަމަށާއި، ރާއްޖޭގެ 99 އިންސައްތަ ކަމުގައިވާ ކަނޑުގެ ސަރަޙައްދަކީވެސް ދިވެހި ޤައުމުގެ ބައެއް ކަމުގައި ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ހިކިފައި އޮތް ސަރަހައްދަކީ ޤައުމުގެ އެކެއް އިންސައްތަ ކަމުގައި ވުމަކީ، މިނިވަންކަމަށް ފަރުވާކުޑަކޮށް ޤައުމު ހިމާޔަތް ނުކުރާންވީ ސަބަބެއް ނޫންކަންވެސް ފާހަގަކުރެއްވި އެވެ. ދިވެހި އެކްސްކްލޫސިވް އިކޮނޯމިކް ޒޯން (އީއީޒެޑް)ގެ ބޮޑު ބިޔަ ސަރަޙައްދު ވަޔާއި ކަނޑާއި އެއްގަމު މަގުން ހިމާޔަތް ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި މިހާތަނަށް ޙާޞިލްކުރެވިފައިވާ ކުރިއެރުންތަކަކީ އަދި ފެށުމެއް ކަމުގައިވެސް ސިފަކުރެއްވި އެވެ. ދިވެހި ސިޔާދަތީ ބާރުގެ ތެރޭގައި ހިމެނޭ ސަރަހައްދު ހިމާޔަތްކުރުމުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ ވަޞީލަތްތައް، ވޭތުވެ ދިޔަ ތަނުގައި ޤާއިމުކުރެވިފައި ނުވި ސަބަބާމެދު ސުވާލު އުފައްދަވައި، މާ ދުރު ނޫން މުސްތަޤުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދޭނޭ މަގު ފަހިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ ޢަޒުމުފުޅުގައި ސާބިތުވެ ހުންނެވި ކަމުގައިވެސް ވިދާޅުވި އެވެ.

"ދިވެހި އަސްކަރިއްޔާ ހަރުދަނާކުރެއްވުމަކީވެސް ސަރުކާރުގެ ވަށާޖެހޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެއް. އަދި ނެޝަނަލް ސާވިސްގެ ޚިދުމަތަށް ކުރިމަތިލުމަށްވެސް ދާދި އަވަހަށް ހުޅުވާލާނެ،" ރައީސް ވިދާޅުވި އެވެ.