ކުޅިވަރުގެ ގާނޫނަށް ގެނެވޭ އިޞްލާޙުތަކާއެކު ރާއްޖޭގެ ކުޅިވަރު ދާއިރާ އިތުރަށް ފުޅާވެ، މުޅި ރާއްޖެއަށް ކުޅިވަރު ފުޅާވެގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ،
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، ރާފިޢު ވިދާޅުވީ ކުޅިވަރު ގާނޫނު އިޞްލާޙުކުރުމުގެ މަސައްކަތް މިހާރު ވަނީ އެންމެ ފަހު މަރުޙަލާގައި ކަމަށެވެ. އަދި މި އިޞްލާޙުތަކާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރީޖަނަލް އެސޯސިއޭޝަންތަކެއް އުފެދިގެންދާނެ ކަމަށާއި، މިއީ މުޅި ރާއްޖޭގެ ކުޅިވަރު ދާއިރާ ޝާމިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
"އެކި ރީޖަންތަކުގައި ބޭއްވޭ މުބާރާތްތަކުން ކުޅުންތެރިން އުފެދި، އެ ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ލިބޭނެ ރޫޓެއް އުފެއްދުމަކީ މީގެ އެންމެ މުހިންމު އެއް ބޭނުން," މިނިސްޓަރ ފާހަގަކުރެއްވި އެވެ.
އެމަނިކްފާނު އިތުރަށް ވިދާޅުވެފައިވަނީ، އިޞްލާޙުކުރެވޭ ގާނޫނުގައި އެލީޓް އެތުލީޓުން އުފެއްދުމަށާއި، އެކަމަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށް ގައުމީ ކުޅިވަރު ފަންޑެއް އުފެއްދުމުގެ މާއްދާ ހިމެނިފައިވާ ކަމަށެވެ. މި ފަންޑު ހިންގަމުން ގެންދާނީ ވަކި މިނިވަން މުއައްސަސާއެއްގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުޅިވަރު ގާނޫނަށް މިގެނެވޭ ބަދަލުތަކަކީ 20 އަހަރުގެ ދިގު ރާސްތާ ކުޅިވަރު ތަޞައްވުރުގެ ބައެއް ކަމަށާއި، މި ޕްލޭންގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ކުޅިވަރު މޮޑެލެއް ކަނޑައަޅައި، ދުނިޔޭގެ ކުޅިވަރު ދާއިރާގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތަޖުރިބާއިން ފައިދާ ހޯދުން ކަމަށް މުނިސްޓަރ ފާހަގަކުރެއްވި އެވެ.
އަލަށް ފާސްކުރެވޭ ގާނޫނުގެ ސަބަބުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، މުޅި ރާއްޖޭގެ ކުޅިވަރު ދާއިރާގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ރާފިޢު ވިދާޅުވި އެވެ.