ކުއްލި ގޮތަކަށް މަގާމުން ވަކިކޮށް، ހައްޔަރުކޮށްފައިވާ ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފު އިތުރު އަޑު އެހުމެއް މިއަދު މެންދުރު ފަހަށް ތާވަލުކޮށްފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ. ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޝައްމާގެ ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ފެށީ ހޯމަ ދުވަހު އެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން އެ މައްސަލަ ބަލަމުންދާއިރު، އެ މައްސަލައިގެ އިތުރު އަޑު އެހުމެއް މިއަދު މެންދުރު ފަހަށްވަނީ ތާވަލުކޮށްފަ އެވެ.
ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާޗް މަހުގެ 22 ވަނަ ދުވަހު ދަށު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އެ މައްސަލަ ހައިކޯޓަށް ޝައްމާންގެ ފަރާތުން ހުށަހެޅުމުން، އެ ކޯޓުން ފުރަތަމަ ނިންމީ މައްސަލަ ބަލައި ނުގަންނާށެވެ.
އޭގެފަހުން ޝަމްއާންގެ ބަންދު ޝަރީއަތް ނިމެންދެން ބަންދަށް ބަދަލުކޮށްފައި ވަނިކޮށް ހައިކޯޓުން އެ މައްސަލަ ބަލައިގަތީ ފަނޑިޔާރުންގެ ނިންމެވުމަކަށެވެ. ޝަމްއާންގެ އިސްތިއުނާފު ބަލައިގަންނަން ނިންމީ ރަޖިސްޓްރާގެ ނިންމުން މުރާޖައާކުރުމަށް ޝަމްއާންގެ ފަރާތުން ހުށަހެޅުމުން، ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށްފަ އެވެ. އެ ނިންމުން ބާތިލު ކުރީ މައްސަލަ މުރާޖައާކުރި ހައިކޯޓުގެ ބެންޗުގެ އިއްތިފާގުންނެވެ.
ޝައްމާންގެ އިސްތިއުނާފު ފެށިފައިވާއިރު، ޝައްމާންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުގައި އެދުނުއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިނުވާތީ ޝަރީއަތުގައި ޝައްމާންގެ ވަކީލުންވަނީ އެކަމާމެދު ސުވާލު އުފައްދާފައެވެ. ކޮރަޕްޝަންގެ ކުށްތައް ބެލުމުގެ އިހްތިސާސް އޮންނަނީ އޭސީސީއަށެވެ. މިފަދަ ތުހުމަތެއް މައްސަލައެއްގައި އޮތް ނަމަ އެ މައްސަލައެއްގެ އެ ބައި ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ. ކޮރަޕްޝަންގެ ތުހުމަތެއް އެކަނި އޮތް ނަމަ އެ މައްސަލައެއް ބެލޭނީ ހަމައެކަނި އޭސީސީއަށެވެ.
ޝަމްއާންގެ މައްޗަށް ކުރަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑެއްގެ ތެރެއިން އަތުލައިގެން ބިދޭސީއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭނާގެ އަތުން ފައިސާ ނަގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޫކޮށްލަން އެންގެވިކަމުގެ ތުހުމަތެވެ.
ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފަ އެވެ. އަދި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުވެސް ފުލުހުން ގެންގޮސްފައިވެ އެވެ. ޝަމްއާން ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި ބިދޭސީ މީހާގެ އަތުން ފެނުނު 530،000 ރުފިޔާ ހިފައިގެން އެ ރެއިޑްގައި އުޅުނު އިމިގްރޭޝަންގެ ތިން އޮފިސަރަކު ދިޔައީ ސީދާ ޝަމްއާންގެ އެޕާޓްމަންޓަށް ކަމަށެވެ.
ފުލުހުން ވަނީ ރެއިޑްގައި ހަރަކާތްތެރިވި ތިން އޮފިސަރުންވެސް ހައްޔަރުކޮށްފަ އެވެ. އަދި ޝަމްއާން ހައްޔަރުކުރި ދުވަހު އިމިގްރޭޝަންގެ އިތުރު އޮފިސަރަކުވެސް މިމައްސަލައިގައި ހައްޔަރުކޮށްފައިވާތީ މިމައްސަލައިގައި މިވަގުތު ފަސް މީހަކު ފުލުހުންގެ ބަންދުގައި އެބަ ތިއްބެވެ.