ދުނިޔެ

"އިޒުރޭލު ބިމަށް ތިރިކޮށްލަން އީރާނަށް ބޭނުންވާނީ އެންމެ ދުވަހެއް"

އީރާންގައި ހުރީ ކިހާ ހަތިޔާރެއްކަން އެމެރިކާއަށް އަދި އިޒުރޭލަށް ވެސް އަންދާޒާކުރެވިފައި ނުވާ ކަމަށް އެމެރިކާގެ ކުރީގެ ކާނަލެއް ކަމަށްވާ ޑަގްލަސް މެކްގްރެގާ ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން އީރާނަށް ހަމަލާދީފި ނަމަ، ހަމަލާތަކުގައި ހަނގުރާމައެއްގެ ސިފަ ޖެއްސުމަކީ އީރާނަށް އެއްވެސް ކަމެއް ނޫން ކަމަށް ކާނަލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިޒުރޭލު ހަމަބިމަށް ތިރިކޮށް ބާރުކަނޑުވާލަން އީރާން ބޭނުންވާނީ އެންމެ ދުވަހެއް ކަމަށެވެ.

އީރާންގެ ބިމުއަޑީގައި، ފަރުބަދަތަކުގެ އަޑީގައި ހުރި ހަތިޔާރު ގުދަންތަކުގެ އަދަދު މެދުއިރުމަތީގެ އެއްވެސް ގައުމަކަށް ނޭނގޭ ކަމަށް ޑަގްލަސް ވިދާޅުވި އެވެ. އެމެރިކާ އަށާއި އިޒުރޭލަށް ހެދޭ ގޯހަކުން ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑަގްލަސް ވިދާޅުވި ގޮތުން އީރާންގައި އެ ހުރިހާ ހަތިޔާރެއް ހުރި ނަމަވެސް، އެ މީހުން އިޚުތިޔާރުކުރަނީ ހަނގުރާމަ ނުކޮށް ވާނެ ގޮތެކެވެ. ހަނގުރާމަ ކުރުމަކީ ބޮޑުގެއްލުމެއްކަން އީރާނަށް އެނގުނެއް ކަމަކު، އެކަން ނޭނގޭނީ އެމެރިކާއަށާއި އިޒުރޭލަށް ކަމަށް ކާނަލް ވިދާޅުވި އެވެ.

އީރާނާ އެކު ކުރެވޭ ހަނގުރާމައަކުން އިޒުރޭލަށް އެއްވެސް މޮޅެއް ނުލިބޭނެ ކަމަށް ޑަގްލަސް ވިދާޅުވި އެވެ. އާޚިރުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ވެސް އިޒުރޭލަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތީގައި ހަނގުރާމައެއް ފެށުމަކީ އެއްވެސް ބަޔަކު އެދޭ ގޮތެއް ނޫން ކަމަށް ޑަގްލަސް ވިދާޅުވި އެވެ. އެ ސަރަހައްދުގައި ކުރެވޭ ހަނގުރާމައެއްގެ ސަބަބުން ގަލްފު ގައުމުތަކުގެ އިގުތިސާދީ ދުވެލި އަހަރުތަކެއް ފަހަަތަށް ސޮހިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.