ދުނިޔެ

އަމިއްލަ ސެޓެލައިޓް އުފައްދާ 11 ގައުމު ތެރޭގައި ތުރުކީ ހިމެނޭ: އުރުދުޣާން

ދުނިޔޭގައި މުވާސަލާތީ ސެޓެލައިޓް އުފައްދާ 11 ގައުމު ތެރޭގައި ތުރުކީ ހިމެނޭ ކަމަށް އެ ގައުމުގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުން އަމިއްލަ ސެޓެލައިޓް އުފެއްދުމުގެ ގާބިލުކަން ތުރުކީން ހޯދާފައި ވަނީ އަމިއްލަ މަސައްކަތުންނާއި ހިތްވަރުންނެވެ.

ތުރުކީ މިހާރު އޮތީ އަމިއްލަ ސެޓެލައިޓް މަރުކާއެއް ބާޒާރަށް ނެރެވޭ ހިސާބުގައި ކަމަށާއި، އަމިއްލަ ޖައްވީ މަރުކަޒެއް ބިނާކޮށް އަދި ފަޅުވެރިން ޖައްވަށް ފޮނުވޭ ހިސާބުގައި ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީގެ އަސްކަރިއްޔާއަށް ބޭނުންވާ ވަރަށް އަސްކަރީ އަދި ޖާސޫސީ ޑްރޯން އުފައްދައި، އެއިން ބައެއް ބައިނަލްއަގްވާމީ މާކެޓަށް ނެރެވިފައިވާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީގައި އުފައްދާ ސެޓެލައިޓް ޓާކްސެޓް މަރުކާގެ "ޓާކްސެޓް ސިކްސް-އޭ" ކަމިޝަންކުރުމަށް ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ އަމިއްލަ ގައުމުގައި އުފެއްދުންތެރި ސައެންސްވެރިން ތިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުރުދުޣާން ވިދާޅުވި ތުރުކީ އަކީ އޭވިއޭޝަން އިންޖިނޭރުންނާއި އަސްކަރީ ސައިންސްވެރިން ގިނަ ގައުމެއް ކަމަށެވެ.

އުރުދުޣާން ވިދާޅުވި ގޮތުން ތުރުކީގެ ސެޓެލައިޓްތަކުން އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭނީ މުވާސަލާތީ ބޭނުންތަކަށެވެ. އަދި އެމެޖެންސީ ބޭނުންރަކަށް -- ސިއްހީ ދާއިރާ އަށާއި އަސްކަރީ ބޭނުންތަކަށް މުހިންމުކަން ދެއްވާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ސެޓެލައިޓްގެ ޚިދުމަތަށް ބޭނުންޖެހިފައި ތިބި ގައުމުތަކަށާއި ވިޔަފާރި ފާމްތަކަށް ވެސް ޗެނަލްތައް ވިޔަފާރި އުސޫލުން ދޫކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ވިދާޅުވި އެވެ. އެކަމަކު މި ކަމަށް އިތުރު ސެޓެލައިޓް ބޭނުންވާނެ ކަމަށާއި ވަގުތު ނަގާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.