ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު، މަސްޖިދުއްނަބަވީގެ އިމާމާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާހުލްބުދައިރުއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމުޙޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ.

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާހުލްބުދައިރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ.

ޑރ. ޞަލާހުލްބުދައިރުގެ މިދަތުރުފުޅަކީ ރައީސް މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ އެންމެ މަތީ އިސްލާމީ ޝަޚްސިއްޔަތުން ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތަކާ ގުޅިގެން ސައުދި އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަޒީޒުގެ ހުއްދައާއި އެކު ކުރައްވާ ދަތުރުފުޅެކެވެ.

ޑރ. ޞަލާހުލްބުދައިރުގެ މިދަތުރުފުޅުގެ ތެރެއިން އިސްލާމިކް މިނިސްޓަރު ޝަހީމްއާ ރަސްމީކޮށް ބައްދަލުކުރެއްވުމާއި، ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރެއްވުމާއި، ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި ދީނީ އިލްމުވެރިންނާއި، ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން ސަލްމާން ރަސްގެފާނު މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އެ މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރެއްވުމާއި އެރޭ ހާއްސަ ދަރުސްއެއް ދެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީވެސް ޑރ. ޞަލާހުލްބުދައިރު އެވެ.