އެކްސިޑެންޓް

އެކްސިޑެންޓަށްފަހު ފިލި މީހުން އަދި ނުހޯދޭ: ފުލުހުން

އެކްސިޑެންޓުވުމުން ފުލުހުންނަށް ފިލި ދެ މީހުން އަދި ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ. ރޭ އެކްސިޑެންޓް ހިނގާފައިވަނީ ބީޖީ ގަރާޖް ސަރަހައްދުގަ އެވެ.

ރޭ ހިނގި އެކްސިޑެންޓަކީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެން ހިނގި އެކްސިޑެންޓެކެވެ. ރޭ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބާރު ސްޕީޑްގައި ދުއްވި ސައިކަލަކީ ފުލުހުންގެ ޕްޓްރޯލް ސައިކަލެއްގައި ޖައްސާފައި އައި ސައިކަލެއް ކަމަށެވެ. އެ ސައިކަލްގައި ތިބި ދެ މީހުން ވަނީ ފިލާފަ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ރޭ ފުލުހުން ފެށި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ރޭގެ އެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށާއި، ފިލި ދެ މީހުން ވެސް އަދި ހޯދިފައިނުވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ބާރު ސްޕީޑްގައި ދުއްވި ސައިކަލްގެ މަޑި ދަށުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ދެ ފުޅި ފެނިފައިވާ ކަމަށެވެ. އެ ސައިކަލް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެކްސިޑެންޓްވި އަނެއް ސައިކަލްގައި އިން މީހާއަށް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފަ އެވެ.