މިނިސްޓަރު އަލީ އިހުސާން

މި ދައުރުގައި ޑީއެންއާރްގެ ޑޭޓާބޭސް ކޮމްޕްރޮމައިޒްވެފައި ނުވާނެ: އިހްސާން

މި ދައުރުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސްގައިވާ މައުލޫމާތު ކޮމްޕްރޮމައިޒްވެފައި ނުވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއީލް ވަނީ ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހްސު އޮޅުވާލައިގެން ޕީއެންސީއަށް މެންބާޝިޕް ފޯމް ފުރިކަން ހާމަވެފައިވާ ކަމަށް ވިދާޅުވެ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް އަޅަނީ ކޮން ފިޔަވަޅުތަކެއްތޯ ސުވާލުކުރައްވާފަ އެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ޑީއެންއާރްގެ ޑޭޓާބޭސްގައިވާ މައުލޫމާތު ބޭނުންކޮށްގެން ބަޔަކު އެއްވެސް ޕާޓީއަކަށް ވެއްދިކަން ދައުލަތުގެ އިދާރާއަކުން ފާހަގަކޮށްފައިނުވާ ކަމަށެވެ.

"ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން، ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކްވެ އެއްވެސް ޕާޓީއަކަށް ބަޔަކު ވައްދާފަ ހުރި ކަމަކީ އެއްވެސް ދައުލަތުގެ އިދާރާއަކަށް އެސްޓެބްލިޝްކޮށްްފަ އޮތް ފެކްޓެއް ނޫން،" މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ ބެލި ބެލުމުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މައުލޫމާތު ލީކްވެ އެ މައުލޫމާތު ސިޔާސީ ފަރާތްތަކުން ބޭނުންކުރަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ހަވާލުވެ އަޅުގަނޑުމެން ބެލި ބެލުމުން އަޅުގަނޑުމެންނަށް ޔަގީންވެ ފެނިފަ އެބަހުރި 2014 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މިފަދަ ޑޭޓާތައް ލީކްވެ އެކިއެކި ސިޔާސީ ފަރާތްތަކުން އެ މައުލޫމާތުތައް ސިޔާސީ މަސައްކަތުގައި ބޭނުންކުރަމުން އަންނަކަން،" އިހްސާން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެއާއެކު ޑޭޓާ ކަށަވަރު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީންކަން ދޭން ކެރޭނެ ކަމަކީ އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި ޑީއެންއާރްގެ ޑޭޓާ ބޭސް އެގޮތަށް ކޮމްޕްރަމައިޒްވެފަ ނޯންނާނެ،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު އިިހްސާން ވަނީ އެހެން ސަރުކާރެއް އައި ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ޑީއެންއާރްގެ ޑޭޓާބޭސްގައިވާ މައުލޫމާތު ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.