ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނި ގޮތުގައި ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަކީ 9264.15 ރުފިޔާ އެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަށް ބަދަލު ގެނެސްފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ޒަކާތު ހައުސް އިން ބުނީ ރާއްޖޭގައި ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށެވެ.
އެ ގޮތުން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަކީ ރިހީގެ ގްރާމަކަށް 15.57 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ 9264.15 ރުފިޔާ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެފައިވެ އެވެ.
މުދަލު ޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.
މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.