ފިނޭންސް މިނިސްޓްރީ

ލޯނު ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފި

ލޯނުތައް ދެއްކުމަށް ދައުލަތުގެ ބަޖެޓުން މި އަހަރު 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކުރި 12.7 ބިލިއަން ރުފިޔާގެ ތެރެއިން 2.5 ބިލިއަން ރުފިޔާ ހަރަދުކުރީ ލޯނުތައް ދެއްކުމަށެވެ.

ލޯނު އަނބުރާ ދެއްކުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރި ހޭދަވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 175.9 އިންސައްތަ އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އަހަރު ލޯނު ދެއްކުމަށް ހިނގި ހަރަދުތަކުގެ ތެރޭގައި މިއަހަރުގެ މާޗް މަހު ކާގިލް ފައިނޭންޝަލް ސާވިސަސްއަށް ދައުލަތުން ދައްކާފައިވާ 100 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމްލަ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު 25.3 ޕަސެންޓް ދަށް ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެގޮތުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން އެޕްރީލް 17 ގެ ނިޔަލަށް ހިނގާފައިވަނީ 19.3 އިންސައްތަ އެވެ.

ދައުލަތަށް މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު ނުވަ ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 2.6 ބިލިއަން ރުފިޔާ ހިމެނެ އެވެ.