މި ސަރުކާރުން އެއްވެސް މީހަކު ފްރޭމް ނުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު "ފްރޭމް" ކޮށްފައިވާ ކަމަށް ޝަމްއާންގެ އަންހެނުން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު ފްރޭމް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑަށް ކަށަވަރުކޮށް ޔަގީންކޮށްދޭން ކެރޭނެ ކަމަކީ މި ސަރުކާރުން މީހަކު ފްރޭމް ނުކުރާނެ. މިހާރު މި ބެލެވެމުންދާ މައްސަލައިގައިވެސް އެ އާއިލާއަށްވެސް އަޅުގަނޑު ކަށަވަރުކޮށް އަރުވަން އަޅުގަނޑުމެން އެއްވެސް ފަރާތެއް ފްރޭމެއް ނުކުރާނެ،" އިހްސާން ވިދާޅުވި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ. ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާޗް މަހުގެ 22 ވަނަ ދުވަހު ދަށު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އެ މައްސަލަ ހައިކޯޓަށް ޝައްމާންގެ ފަރާތުން ހުށަހެޅުމުން، އެ ކޯޓުން ފުރަތަމަ ނިންމީ މައްސަލަ ބަލައި ނުގަންނާށެވެ.
އޭގެފަހުން ޝަމްއާންގެ ބަންދު ޝަރީއަތް ނިމެންދެން ބަންދަށް ބަދަލުކޮށްފައި ވަނިކޮށް ހައިކޯޓުން އެ މައްސަލަ ބަލައިގަތީ ފަނޑިޔާރުންގެ ނިންމެވުމަކަށެވެ. ޝަމްއާންގެ އިސްތިއުނާފު ބަލައިގަންނަން ނިންމީ ރަޖިސްޓްރާގެ ނިންމުން މުރާޖައާކުރުމަށް ޝަމްއާންގެ ފަރާތުން ހުށަހެޅުމުން، ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށްފަ އެވެ. އެ ނިންމުން ބާތިލު ކުރީ މައްސަލަ މުރާޖައާކުރި ހައިކޯޓުގެ ބެންޗުގެ އިއްތިފާގުންނެވެ.
ޝައްމާންގެ އިސްތިއުނާފު ފެށިފައިވާއިރު، ޝައްމާންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުގައި އެދުނުއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިނުވާތީ ޝަރީއަތުގައި ޝައްމާންގެ ވަކީލުންވަނީ އެކަމާމެދު ސުވާލު އުފައްދާފައެވެ. ކޮރަޕްޝަންގެ ކުށްތައް ބެލުމުގެ އިހްތިސާސް އޮންނަނީ އޭސީސީއަށެވެ. މިފަދަ ތުހުމަތެއް މައްސަލައެއްގައި އޮތް ނަމަ އެ މައްސަލައެއްގެ އެ ބައި ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ. ކޮރަޕްޝަންގެ ތުހުމަތެއް އެކަނި އޮތް ނަމަ އެ މައްސަލައެއް ބެލޭނީ ހަމައެކަނި އޭސީސީއަށެވެ.
ޝަމްއާންގެ މައްޗަށް ކުރަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑެއްގެ ތެރެއިން އަތުލައިގެން ބިދޭސީއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭނާގެ އަތުން ފައިސާ ނަގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޫކޮށްލަން އެންގެވިކަމުގެ ތުހުމަތެވެ.
ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފަ އެވެ. އަދި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުވެސް ފުލުހުން ގެންގޮސްފައިވެ އެވެ. ޝަމްއާން ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި ބިދޭސީ މީހާގެ އަތުން ފެނުނު 530،000 ރުފިޔާ ހިފައިގެން އެ ރެއިޑްގައި އުޅުނު އިމިގްރޭޝަންގެ ތިން އޮފިސަރަކު ދިޔައީ ސީދާ ޝަމްއާންގެ އެޕާޓްމަންޓަށް ކަމަށެވެ.