މިނިސްޓަރު އަލީ އިހުސާން

ޝަމްއާންގެ މައްސަލަ މާދަމާ ޕީޖީއަށް ފޮނުވަނީ

ކުއްލި ގޮތަކަށް މަގާމުން ވަކިކޮށް، ހައްޔަރުކޮށްފައިވާ ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލަ މާދަމާ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ޒިޔާދު ވަނީ ޝަމްއާން "ފްރޭމް" ކޮށްފައިވާ ކަމަށް ޝަމްއާންގެ އަންހެނުން ތުހުމަތުކުރާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.

"ވަޒީރު [ފްރޭމް] ނުކުރެއްވިއްޔަސް، އެ ފްރޭމް ކުރުން އެކަށީގެންވާތީ، އެހެން ބޭފުޅަކު ނަމަވެސް އެކަން ކުރައްވާފައިވޭތޯ،" ޒިޔާދު ސުވާލު ކުރެއްވި އެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވަނީ މި ސަރުކާރުން އެއްވެސް މީހަކު "ފްރޭމް" ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ޝަމްއާން "ފްރޭމް" ކޮށްފައިނުވާ ކަމަށާއި ޝަމްއާން ހައްޔަރުކޮށްފައިވަނީ ސާބިތު ހެކި ފެނިގެން ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.

"އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލައިގައި ފްރޭމް ކޮށްފަ ނެތްކަން. އަޅުގަނޑަށް ކަށަވަރުވޭ މިހާރު އެ މައްސަލައިގައި ހައްޔަރުގައި އޮތް ބޭފުޅާ އެ އޮތީ އެ މައްސަލައިގައި ފުލުހުން ބެލިބެލުމުން ސާބިތު ހެކި ފެނިގެންކަން،" އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާ ހިސާބުން ތަފުސީލު ހާމަކުރާނެ ކަމަށާއި ފުލުހުން އެ މައުލޫމާތު މާދަމާ ހާމަކުރާނެ ކަމަށެވެ.