ސްޕެނިޝް ލަލީގާގައި މަލޯކާ ބަލިކޮށް، ބާސެލޯނާ އިން ތާވަލްގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސާއިން ވަނީ 1-0 ގެ ނަތީޖާއަކުން މަޔޯކާ ބަލިކޮށްފަ އެވެ.
ވާދަވެރި މި މެޗުގައި ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންވެސް ލަނޑެއް ނުޖަހާ އެއްވަރުވެގެންނެވެ.
ބާސެލޯނާއިން ފުރަތަމަ ހާފުގައި 24 ހަމަލާ ދިން ނަމަވެސް، މަޔޯކާގެ ގޯލްކީޕަރު ލިއޯ ރޯމާން ހުރިހާ ޝޮޓެއް ދިފާއުކުރި އެވެ. ޔަމާލް އަދި ފެރާން ޓޮރެސްއަށް ލިބުނު ރަނގަޅު ފުރުސަތުތައް ބޭކާރުވެގެންވެސް ދިޔަ އެވެ.
ދެވަނަ ހާފު ފެށިގެން އެންމެ 43 ސިކުންތު ތެރޭގައި ބާސެލޯނާ އިން މެޗުގެ ލީޑު ނެގި އެވެ. އެރިކް ގާސިއާ ފޯރުކޮށްދިން ފުރުސަތެއްގައި ޑެނީ އޮލްމޯ ވަނީ މަލޯކާ ކޮޅަށް ލަނޑެއް ޖަހާފަ އެވެ.
މެޗުގެ ނަތީޖާ ފުޅާކުރުމަށް ރަފީނިއާ އަދި ފާމިން ލޯޕެޒް މެޗަށް ނެރުނު ނަމަވެސް ރޯމާން ބާސެލޯނާއަށް އިތުރު ލަނޑެއް ނުޖެހުނެވެ.
މި މެޗުގައި ބާސެލޯނާއިން ޖުމްލަ 40 ހަމަލާ ދިން އިރު، މަލޯކާއަށް ގޯލަށް އަމާޒުކޮށް އެންމެ ޝޮޓެއްވެސް ފޮނުވާލެވިފައެއް ނުވެ އެވެ.
މި މޮޅާއެކު ބާސެލޯނާ ވަނީ ލަލީގާގެ އެއްވަނައިގައި ރިއަލް މެޑްރިޑަށްވުރެ 7 ޕޮއިންޓް ކުރިއަށް ގޮސް، ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ބާސެލޯނާއަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗާއި ކޮޕާ ޑެލް ރޭގެ ފައިނަލް މެޗު ކުޅެން އެބައޮތެވެ. މިއާއެކު ބާސެލޯނާއަށް މި ސީޒަންގައި "ޓެރިބަލް" ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވެގެން ގޮސްފައިވެ އެވެ.