ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދައުލަތުގެ ބަޖެޓް މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 2.1 ބިލިއަން ރުފިޔާއިން އަރަނިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓު ހުރީ 1.6 ބިލިއަން ރުފިޔާ ޑެފިސިޓްގަ އެވެ.
ދައުލަތަށް މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 11.7 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 700 މިލިއަން ރުފިޔާ އިތުރުވުމެކެވެ.
އެ ގޮތުން ޓީޖީއެސްޓީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ މިއަހަރު ލިބުނުއިރު ގްރީން ޓެކްސްގެ ގޮތުގައި 572.5 މިލިއަން އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 452.6 މިލިއަން ރުފިޔާ މި އަހަރު ލިބުނެވެ.
ލޯނަށް ކުރި ހޭދަ ނުހިމަނައި ދައުލަތުގެ މި އަހަރުގެ ހަރަދު ހުރީ 9.5 ބިލިއަން ރުފިޔާގަ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 12.7 ބިލިއަންގަ އެވެ.
ބަޖެޓްގެ އޯވައޯލް ބެލެންސް ހިސާބުކުރަނީ އާމްދަނީ އިން ޖުމްލަ ރިކަނަރަޓް ހަރަދާއި ކެޕިޓަލް ހަރަދު އުނިކޮށްގެންނެވެ.