ޕްރިމިއާ ލީގް

މެންޗެސްޓާ ސިޓީއިން ޗެމްޕިއަންސް ލީގު ކުޅުމުގެ އުއްމީދު އާކޮށްފި

މެންޗެސްޓާ ސިޓީއިން އެޓީމުގެ އިއްތިހާދު ދަނޑުގައި ކުޅުނު ވާދަވެރި މެޗުގައި 2-1 އިން އެސްޓަން ވިލާ ބަލިކޮށް، އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅުމުގެ އުއްމީދު އާކޮށްފި އެވެ.

މެޗު ފެށުނުތާ 18 ވަނަ ސިކުންތުގައި ވިލާގެ މާކަސް ރަޝްފޯޑް ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިއަށް އަމާޒުވެ، ސިޓީގެ ގޯލަށް ނުރައްކާ ކުރި އެވެ. އެހެންނަމަވެސް މެޗުގެ ހަތްވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ލަނޑެއް ޖަހައި ސިޓީއަށް ލީޑު ހޯދައިދިނެވެ.

އޭގެ 10 މިނެޓު ފަހުން ސިޓީގެ ޑިފެންޑަރު ރުބިން ޑިއާޒް، ވިލާގެ ޖޭކަބް ރަމްސީއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވީއޭއާރް ބެލުމަށްފަހު ވިލާއަށް ޕެނަލްޓީއެއް ދިނެވެ. މި ޕެނަލްޓީން ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދިނީ އެ ޓީމުގެ ރަޝްފޯޑް އެވެ.

މެޗުގައި ސިޓީއަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އަދި މެޗުގެ ފަހު ސިކުންތުކޮޅުގައި ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެތިއަސް ނޫނެސް ލަނޑެއް ޖަހައި ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައި މޮޅުވި އެވެ.

މި މޮޅާއެކު ސިޓީ ތާވަލުގެ ތިންވަނައަށް ޖެހިލައި، 34 މެޗުން 61 ޕޮއިންޓް ހޯދައިފައިވާއިރު ހަތަރުވަނައިގައި އޮތީ 33 މެޗުން 60 ޕޮއިންޓާއެކު ނޮޓިންހަމް ފޮރެސްޓެވެ. ނިއުކާސަލް އޮތީ 33 މެޗުން 59 ޕޮއިންޓާއެކު ފަސްވަނައިގަ އެވެ. ޗެލްސީއަށް 33 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، އެސްޓަން ވިލާއަށް 34 މެޗުން 57 ޕޮއިންޓް ލިބިފައިވެ އެވެ.