އުރީދޫ

އުރީދޫ ލިވް އަންލިމިޓެޑް: 19 އުމްރާ ދަތުރާއި ދެ މީހަކަށް ހައްޖު ދަތުރު

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން ހައްޖާއި އުމްރާ ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖާ، ޕީއާރް ޝިއުނާ ހަމީދު ވިދާޅުވި ގޮތުގައި އުރީދޫ އަންލިމިޓެޑަކީ އުރީދޫގެ ފަރާތުން ކަސްޓަމަރުންނަށް ވެވޭ ވައުދެކެވެ.

"ތިބޭފުޅުން، ތިބޭފުޅުންގެ މަސައްކަތުގައި ހިއްޕަވާ. އަޅުގަނޑުމެން މިތިބީ ތިބޭފުޅުންގެ ކަނެކްޝަން ވަރުގަދަކުރުމުގެ މަސައްކަތުގައި،" ލިވް އަންލިމިޓެޑް ކެމްޕޭނާ ގުޅޭ ގޮތުން ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވަނީ މިހާރު ކޮންމެ ކަމެއް ކުރުމަށްވެސް ރަނގަޅު އިންޓަނެޓް ކަނެކްޝަނެއް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ކިޔެވުމާއި މަސައްކަތު މާހައުލުގެ އިތުރުން ސްޓްރީމް ކުރުމާއި ގޭމް ކުޅުން ފަދަ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކަށްވެސް އިންޓަނެޓް ބޭނުންވާނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

"އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަނީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކޮށް ތިބޭފުޅުންގެ ކަނެކްޝަން ރަނގަޅުކޮށް ތިބޭފުޅުންނަށް ލިބޭ ޑިޖިޓަލް ހިދުމަތްތައް ރަނގަޅު ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ލިވް އަންލިމިޓެޑް ކެމްޕޭނާއެކު ފެށި ޕްރޮމޯޝަންގައި ކޮންމެ 20 ދުވަހަކުން އުރީދޫގެ ކޮންމެވެސް އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށާއި ޕްރޮމޯޝަންގެ 20 ވަނަ އިނާމު އަދި އެންމެ ހާއްސަ އިނާމުގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ލިބޭނެ ކަމަށެވެ.

އުރީދޫގެ ހިދުމަތަކަށް 250 ރުފިޔާއިން މަތީގެ އަދަދެއް ހޭދަކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އެގޮތުން ރާސްޓަސް ކޮށްގެން ނުވަތަ ބިލް ދައްކައިގެން ނުވަތަ އެޑް-އޮންއެއް ގަނެގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ޕްރޮމޯޝަންގެ މުއްދަތުގައި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.