ޠާރިގު އިބްރާހީމް

މިއަހަރު މުޅިން އަލަށް 1،290 އެނދު މާކެޓަށް ނެރެވޭނެ: ތޯރިގު

މިއަހަރު ނިމުމުގެ ކުރިން 1،290 އެނދު މުޅިން އަލަށް މާކެޓަށް ނެރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ތޯރިގު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި 156 ތަނެއް ތަރައްގީކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި އެކި ސަބަބުތަކާ ހެދި 61 ތަނެއްގެ މަސައްކަތް މިވަގުތަށް މަޑުޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތްތައް ހުއްޓިފައި ހުރި ތަންތަނުގައި ދިމާވެފައި ހުރި މައްސަލަތައް ދެނެގަނެ އަލުން މަސައްކަތް ފަށައި އަވަހަށް ނިންމާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ކްލޯސްޑް ބިޑިންގެ ތެރެއިންނާއި ކްރޮސް ސަބްސިޑީގެ ތެރެއިން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ މައުލޫމާތުވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފަ އެވެ.

"ކްލޯޒްޑް ބިޑިންގެ ދަށުން ފަތުރުވެރިކަމަށް 10 ތަނެއް ވަނީ ހަވާލުކޮށްފައި. ކްރޮސް ސަބްސިޑީގެ ދަށުން 3 ތަނެއް ވަނީ ހަވާލުކޮށްފައި. އޯޕަން ބިޑިންގެ ދަށުން 3 ތަނެއް ވަނީ އިއުލާންކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށްވާތީ އެ އަމާޒަށް ވާސިލްވުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"އެގޮތުން ފަތުރުވެރިކަމުގެ ލޯ ސީޒަންގައި މާކެޓިން އިތުރަށް ވަރުގަދަކޮށް މުޅި އަހަރު ތެރޭގައި ރާއްޖެ މާކެޓް ކުރުމުގެ ހަރަކާތްތައް ކުރިއަށް އެބަދޭ،" ތޯރިގު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރު މުޅިން އަލަށް މާކެޓަށް ނެރެފައިވަނީ 1،500 އެއްހާ އެނދެވެ.