އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ޗައިނާއާ އެމެރިކާއާ ދެމެދު އޮތް ޑިޕްލޮމެޓިކް ހުރިހާ ގުޅުމެއް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. މިއީ ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ސީދާ މަޝްވަރާކުރެއްވުމަށް ޓްރަމްޕް ބޭނުންކުރައްވާ އުކުޅެކެވެ.
އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެކްސް ނެގުމަށް ޓްރަމްޕް ސަރުކާރުން އެކުލަވާލި ކަރުދާހުގައި އެންމެ ބޮޑު ޓެކުހެއް ނަގަން ހަމަޖައްސާފައި އޮތީ ޗައިނާއިންނެވެ. މިއީ އެމެރިކާއަށް ވުރެ ޗައިނާގެ އިގުތިސާދު ކުރިއަރައިގެން ދާތީ އެމެރިކާގެ ކިބައިން ފެންނަ ހަސަދަވެރި ކަމެކެެވެ.
ޓްރަމްޕްގެ މި ސިޔާސަތަށް އަމަލުކުރުން 90 ދުވަހަަށް މެދުކަނޑާލާފައި އޮތް ނަމަވެސް، ޗައިނާއަށް އެއްވެސް ލުޔެއް ނުދެ އެވެ. މާނަ އަކީ 90 ދުވަހަކީ ބައެއް ގައުމުތަކަށް ދިން އިނާޔަތެއް ކަމެވެ.
ޗައިނާގެ މުދަލުން 145 ޕަސެންޓްގެ ޓެކުހެއް ނެގުމަށް ޓްރަމްޕް ހަމަޖައްސަވާފައި ވާއިރު، އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް ޓްރަމްޕް ވަނީ މިއަދު ވިދާޅުވެފަ އެވެ. އަދި އެ އަދަދު 50 ޕަސެންޓަށް ނުވަތަ 60 ޕަސެންޓަށް ތިރިކުރެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ އަމަލުތަކުގެ ސަބަބުން ޗައިނާއާ ގުޅުން ގޯސްވެފައި އޮތް ނަމަވެސް، ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމަށް ޓްރަމްޕް ސަރުކާރުން އަދި އެއްވެސް ކަމެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއާ އެކު ޑިޕްލޮމެޓިކް މަޝްވަރާތައް ފެށުމަށް ޓްރަމްޕް އަދި ވިދާޅެއް ނުވެ އެވެ. އަދި އެމްބެސެޑަރުންގެ ފެންވަރުގައި ޗައިނާއާ އެކު އެއްވެސް ގުޅުމެއް ނުފައްތާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން ޓްރަމްޕްގެ މި ހުރިހާ ހަރަކާތްތަކަކީ ވެސް ޗައިނާ ލައްވައި ގޯހެއް ހެއްދުމެވެ. އަދި މަޝްވަރާއަށް އެދި އާދޭސްކުރުވުމެވެ.
ނަމަވެސް، މިކަމުގައި ޗައިނާގެ ވިސްނުން މުޅިން ތަފާތެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ހަވާލާދެއްވައި ޚަބަރުތައް ބުނާ ގޮތުން، އެމެރިކާއިން ކުރި ކޮންމެ ހަނގުރާމައެއްގައި އެއްކޮޅުން ޗައިނާ ކުޅޭނެ އެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ އިލްމެއް ޗައިނާއަށް ވަނީ ހޯދާފަ އެވެ.