މަސްތުވާތަކެތި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާއެކު ލޯބިވެރިޔާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލަކު އަންހެނަކާއެކު އައްޑުއަށް ނިސްބަތްވާ އޭނާގެ ލޯބިވެރިޔާ ހައްޔަރުކޮށްފި އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި އަންހެން މީހާއަކީ، ޏ. ފުވައްމަލުކު މިސްކިތްމަގު، ކުދިމާގެ ސަފިއްޔާ މުހައްމަދު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން 41 އަހަރުގެ އަންހެނެކެވެ. އަދި މިއީ ކުރިން މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ނޫން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

ސަފިއްޔާ މުހައްމަދާ އެކު ހައްޔަރުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ސ. ހިތަދޫ، އަދުނީ، އިބްރާހީމް ރަޝީދު އެވެ.

ރަޝީދުގެ އުމުރަކީ 40 އަހަރެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު އޭނާއާ ގުޅޭ އިންޓެލް ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޝީދުގެ ޖީބުން އަދި ސައިކަލުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނެވެ.

މި ފަހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި އަންހެނުން ހައްޔަރުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ރިޕޯޓްތަކުން ފާހަގަކުރެވެ އެވެ.

ދޮޅު ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ތިން މީހުންގެ ތެރޭގައިވެސް އަންހެނަކު ހިމެނޭއިރު އަދި މީގެ ދުވަސްކޮޅެއް ކުރިން ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކުވެސް އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.

މީގެ އިތުރުން މި އަހަރުގެ ތެރޭގައި ހއ ހޯރަފުށިން މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ އޭނާގެ މަންމަވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ ފަހުންވެސް އަންހެން ގްރޫޕެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވެ އެވެ.