މާލޭގެ އިމާރާތަކުން ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ދެ ވަޒީރަކާ ސުވާލުކުރަން ހުށަހަޅައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައިވަނީ ހައްވާ ޔުމްނު ރަޝީދު (21އ) އެވެ.
މި ހާދިސާއާ ގުޅިގެން ދެ ވަޒީރަކާ ސުވާލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
މެންބަރު މީކާއިލް ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އާއި ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއާ ސުވާލުކުރަން ހުށަހަޅުއްވާފަ އެވެ.
އެ ގޮތުން މިނިސްޓަރު އިހުސާންއާ ކުރުމަށް މީކާއިލް ހުށަހަޅުއްވާފައިވާ ސުވާލަކީ އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ކުށުގެ ވެއްޓާއި ގުޅުންހުރި ގޭގެ ނަން ހާމަނުކޮށް ސިއްރުކުރީ ކީއްވެގެންތޯ އާއި އަދި މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅެނީ ކީއްވެގެންތޯ އެވެ.
މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއާ ސުވާލުކުރަން އެދިފައިވަނީ ޖިންސީ ކުށުގެ ގާނޫނުގާއި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމާ ގުޅޭގޮތުންނެވެ.
އެގޮތުން އެ އަންހެން ކުއްޖާގެ ސާމްޕަލް ނެގުމުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔައީ ކީއްވެގެންތޯ މީކާއިލްގެ ސުވާލުގައިވެ އެވެ.
މި މައްސަލާގައި ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުމުގައި މި ހާދިސާ ހިނގި ގޮތާއި ސީސީޓީވީ ފުޓޭޖުތަކެއް ދައްކާފައިވެ އެވެ.