ލަ ލީގާ

ގެޓާފޭ ބަލިކޮށް ރެއާލްއިން ފަރަގުކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އާއި ގެޓާފޭ ރޭ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ރެއާލް މޮޅުވެއްޖެ އެވެ.

މި މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ވަނީ ކުޑަކޮށްފަ އެވެ.

ރެއާލް މެޑްރިޑް މިހާރު އޮތީ 33 މެޗުން 72 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް 33 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. މެޗުން ބަލިވި ގެޓާފޭ ވަނީ 39 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.

ގެޓާފޭގެ ކޮލިސިއަމް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 21 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ އާޑާ ގުލާ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލުގައި މިދިޔަ ހަފުތާގައި އާސެނަލް އަތުން ބަލިވެ މުބާރާތުން ވަކިވުމާއެކު، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީއަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެހެންކަމުން މި ސީޒަނުގައި ކޯޕާ ޑެލްރޭއީ ނުވަތަ ލަލީގާގެ ޗެމްޕިއަންކަން ހޯދައިގެން ނޫން ގޮތަކަށް އޭނާއަށް ހިތްހަމަޖެހުމެއް ނުލިބޭނެ އެވެ.

މި މެޗަށް ނިކުތްއިރު ކޯޗު އެންޗެލޮއްޓީ ވަނީ ޓީމަށް ހަ ބަދަލެއް ގެނެސްފަ އެވެ. ބާސެލޯނާއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ ކޯޕާ ޑެލްރޭއީގެ ފައިނަލަށް ކުޅުންތެރިން އަރާމުކުރުމަށް ފުރުސަތު ދިނުމަށްޓަކައި ޖޫޑް ބެލިންހަމްއަށް ފުރުސަތު ދީފައިވަނީ ބެންޗުންނެވެ. މީގެއިތުރުން ލިބިފައިވާ އަނިޔާގެ ސަބަބުން ކިލިއަން އެމްބާޕޭ މި މެޗުގައި ނުކުޅެ އެވެ.

މެޗުގެ ދެވަނަ ހާފުގައި ދަނޑުގައި ކަމެއް ހިނގުމާ ގުޅިގެން ރެފްރީ ވަނީ 13 މިނެޓަށް މެޗުގެ ކުޅުން ހުއްޓާލާފަ އެވެ.

ރެއާލް މެޑްރިޑްގެ އޯރެލިއެން ޗޫމޭނީ ރެފްރީއަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން ރެފްރީ ވަނީ ދެ ޓީމުގެ ކޯޗުންނާއި ފުލުހުންގެ އޮފިސަރަކާ މަޝްވަރާކޮށް، ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާނުކުރުމަށް ނަސޭހަތްތެރިވުމުގެ މެސެޖެއް ދަނޑުގައި އިއްވާފަ އެވެ.