އެސްޓީއޯ

ރާއްޖޭގެ ފުރަތަމަ ރޭޑިއޯގްރަފީ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފި

ރޭޑިއޯގްރާފަރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގި ފުރަތަމަ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފި އެވެ.

އެސްޓީއޯ އާއި ޖީއީ ހެލްތު ކެއާ ގުޅިގެން "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ"ގެ ނަމުގައި މި ކޯސް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ވިލާ ކޮލެޖުގައި ރޭ ބޭއްވި މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު އިބްރާހީމް އެވެ.

ޖުމްލަ 25 ދަރިވަރުން ބައިވެރިވި މި ކޯސް 23 ދަރިވަރުން ފުރިހަމަކޮށްފައިވެ އެވެ.

މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވީ މިކޯސް ނިންމި ދަރިވަރުން މަސައްކަތު މާހައުލުގައި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރެއްވުން މުހިއްމު ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމްއެންޔޫއާ ގުޅިގެން މިކޯސް ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތް ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް އެސްޓީއޯ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މިކޯހަކީވެސް ޖީއީ އާއި ގުޅިގެން ހެދި ދިރާސާއަކުން ރާއްޖެއަށް މިދާއިރާއިން މީހުން ބޭނުންވާކަން ފާހަގަވެގެން ފެށި ކޯހެއް،" ޝިމާދު ވިދާޅުވި އެވެ.

ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މިކޯހުން އެންމެ މަތީ މާކްސް ދެ ދަރިވަރަކު ވަނީ ހާސިލްކޮށްފަ އެވެ. އެއީ މަރިޔަމް ޔުމްނާ އާއި އާމިނަތު އީމާން އެވެ. މި ދެ ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު އެވެ.

މިކޯހަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްގެން ދެ އަހަރުގެ ތިއަރީއާއި ހަމަސް ދުވަހުގެ އަމަލީ ތަޖުރިބާ ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.

ދަރިވަރުންގެ ކްލިނިކަލް ތަމްރީނާއި އިންޓާންޝިޕް ފުރިހަމަކުރުމަށް އެސްޓީއޯއިން މާލޭގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗް، އޭޑީކޭ، ސެނަހިޔާ، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލާއެކު އެއްބަސްވުންތަކެއް ކުރިން އޮތީ ހަދާފަ އެވެ. މި ކޯހުގެ ދަރިވަރުންގެ އިންޓާންޝިޕް ނިމި ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.