ރައްޔިތުންގެ މަޖިލިސް

ކުޅިވަރު ގާނޫނަށް އަނެއްކާވެސް އިސްލާހުތަކެއް

ކުޅިވަރު ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އަނެއްކާވެސް ފާސްކޮށްފި އެވެ.

މިފަހަރު ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އަލަށް މާއްދާތަކެއް އިތުރުކުރުން ހިމެނެ އެވެ.

ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތަކުގެ ތެރޭގައި ކުޅިވަރުގެ އެންމެހާ ސިޔާސަތުތައް ކަނޑައަޅާނީ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް ބަޔާންކޮށްފައިވާ ގާނޫނުގެ ހަތަރުވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށްފައިވެ އެވެ.

މި އިސްލާހުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން، ވަޒީރު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރަންވާނެ ކަމަށާއި، ކުޅިވަރާ ބެހޭ ވުޒާރާގެ މުވައްޒަފުން އެކަން އެގޮތަށް ކުރޭތޯ ބަލަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގައި އިތުރު މެންބަރަކު ހިމެނުމަށްވެސް ނިންމާފައިވެ އެވެ. އަދި ގާނޫނުގެ 13 ވަނަ މާއްދާގެ އިބާރާތް ބަދަލުކުރުމަށާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ޕެރަލިމްޕިކް ކޮމިޓީއާއި ގައުމީ ކުޅިވަރު ފެޑެރޭޝަންތަކަށް ސަރުކާރުން ކަނޑައަޅާ ބަޖެޓާ ގުޅޭ މާއްދާއަށްވެސް އިސްލާހު ގެނެސްފައިވެ އެވެ.

ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުކަމުގައި ގިނަވެގެން ހުރެވޭނީ ފަސް އަހަރު ދުވަހުގެ ދެ ދައުރަށް ކަމަށްވެސް އިސްލާހަކުން ކަނޑައަޅާފައިވެ އެވެ. އިސްލާހުތައް ފާސްކޮށްފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.

ކުޅިވަރު ގާނޫނަށް އިސްލާހުތަކެއް އަނެއްކާވެސް ގެނެސްފައި މިވަނީ އެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އިސްލާހު ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު އެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުޅިވަރު ގާނޫނަކީ ރާއްޖޭގެ އެތުލީޓުންނަށް ގިނަ ކަންތައްތަކެއް މަގުފަހިވެގެންދާނެ ގާނޫނަކަށް ހަދާނެ ކަމަށެވެ. އަދި މި ގާނޫނުގެ ދަށުން ރާއްޖޭގެ ކުޅިވަރުތަކުގެ ފެންވަރު މަތިކުރުމަށް އެތުލީޓުންނަށް ރާއްޖެއިން ބޭރުން ތަމްރީނުތައް ދިނުމުގެ ފުރުސަތު އިތުރަށް ފުޅާވެގެން ދާނެ ކަމަށްވެސް ބުންޏެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި ކުޅިވަރު ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނެސް ކުރިއަށް އޮތް މެއި މަހުގެ ތެރޭގައި އަމަލުކުރަން ފެށޭނެ އެވެ.