ކުޅުދުއްފުށި

8 ފެބުރުއަރީގައި ހަމަނުޖެހުން ހިންގި ބަޔަކު ޖޫރިމަނާކޮށްފި

ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހު ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހަމަލާދީ، ހަމަނުޖެހުން ހިންގި ކަމުގެ ކުށް އަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ އެވެ. މި އަށް މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައިވަނީ އިއްޔެ އެވެ.

އެމްޑީޕީގެ ސަރުކާރު ވެއްޓުމާ ގުޅިގެން ރާއްޖޭގެ އެކި ސަރަހްދުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ކުޅުދުއްފުށީގައި ވެސް ހަމަނުޖެހުން ހިނގާފައިވެ އެވެ. އެގޮތުން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ، އެތަނަށް ވަނީ ހަމަލާދީފަ އެވެ. ޕޮލިސް ސްޓޭޝަންގެ ގޭޓެއް ކައިރިއަށް މީހުން އެއްވެ އެތާގައި ތިބި ފުލުހުންނަށާއި ފުލުހުންގެ މަރުކަޒަށް އަމާޒުކޮށް ގަލާއި ފަންތޮށި އަދި ވެލިފަދަ ތަކެތި ވަނީ އުކާފަ އެވެ. އެކަމުގެ ސަބަބުން ޕޮލިސް ސްޓޭޝަނަށް ގެއްލުންވެ، ބައެއް ފުލުހުންނަށް އަނިޔާވެފައިވެ އެވެ.

މި މައްސަލާގައި ދައުލަތުން ވަނީ 12 ފަރާތަކަށް ދައުވާ އުފުލާފަ އެވެ. އުފުލާފައިވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދޭން މަސައްކަތްކުރުމުގެ ދައުވާ އެވެ. ނަމަވެސް ކުށް ސާބިތުވީ 8 މީހެއްގެ މައްޗަށެވެ.

ކުށް ސާބިތުވި މީހުން:

  • އަބްދުﷲ ޒުބައިރު / ހީވާޒް ހދ ކުޅުދުއްފުށި
  • އަހުމަދު މުހައްމަދު / ރިސްތާ ހދ ކުޅުދުއްފުށި
  • އަހުމަދު ހަސަން / ސުހާނީ ހދ ކުޅުދުއްފުށި
  • ހަސަން އަލީ / ކަސްތޫރިގެ ހދ ކުޅުދުއްފުށި
  • ޝަމްއޫން އިބްރާހިމް / އަޅިވިލާގެ ހދ ކުޅުދުއްފުށި
  • އަބްދުއްރަހުމާން ހާރޫން / ޕަސީނާ ހދ ކުޅުދުއްފުށީ
  • އަލީ އާދަމް / ޓޫ ފުލާވާރ ހދ ކުޅުދުއްފުށި
  • އަލީ މުހައްމަދު / މަލުތެރޭގެ ހދ ކުޅުދުއްފުށި

ކުށް ސާބިތު ނުވި މީހުން:

  • ހަސަން ނާޒިމް / ބަހާއު ހދ ކުޅުދުއްފުށި
  • އަހުމަދު އާދަމް / ކަރަންކާ ހދ ކުޅުދުއްފުށި
  • އިބްރާހިމް އަހުމަދު / ވަވަތި ހދ ކުޅުދުއްފުށި
  • އާދަމް މުހައްމަދު / މަލުތެރޭގެ ހދ ކުޅުދުއްފުށި

ކުށް ސާބިތުވި 8 މީހުންގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ، ދައުވާއަށް އިންކާރުކޮށްފީ ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ޕޮލިސް ސްޓޭޝަނަށް ހަމަލާދިންކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އަދަބެއްގެ ގޮތުގައި ކޮންމެ މީހަކު ވަނީ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. ޖޫރިމަނާގެ ފައިސާގެ ހަތް ދުވަސް ތެރޭގައި ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ. މި މީހުން ޖޫރިމަނާކޮށްފައިވަނީ ފުލުހުންގެ ގާނޫނުގެ 73 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.

ހުކުމް ނިންމާލާފައިވަނީ، ކުށް ސާބިތުވާ ކަމަށް ގަޒިއްޔާގެ ބުނެފައިނުވާ ހަތަރު މީހުންގެ މައްސަލަ އެހެން ގަޒިއްޔާގެ ދަށުން ބަލާނެ ކަމަށް ބުނަމުންނެވެ.