މާލޭގެ ގެއަކުން މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނާ ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހިމެނޭ ދެ މީހުންގެ ތެރެއިން އެކަކު ސަރުކާރުގެ ވަޒީފާއިން ސަސްޕެންޑްކޮށް ދެވަނަ މީހަކު މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން ސަސްޕެންޑް ކުރައްވާފައިވާ ކަމަށެވެ.
ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ރައީސްގެ މަގާމުންނާއި އެކޮމިޓީގެ މެންބަރު ކަމުން ދާއޫދު އަހްމަދު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ކޮމިޓީން މިއަދު ދާއޫދު ވަކިކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫންވެސް މިއަދު ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
ދާއޫދާއި އިޒްދިޔާން އަކީ މާލޭގެ އިމާރާތަކުން ވެއްޓުނު އަންހެން ކުއްޖާގެ މައްސަލައިގައި ހިމެނޭ މީހުންގެ ތެރޭގައި ތުހުމަތު އޮތް ދެ މީހުންނެވެ.