ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް

ޑީބީއެމްގެ ބޯޑުން އަހްމަދު އަލީ އިސްތިއުފާ ދެއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ފުރަތަަމަ ފަހަރަށް އުފައްދާފައިވާ ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ބޯޑް މެންބަރަކު އަނެއްކާވެސް އިސްތިއުފާ ދެއްވައިފި އެވެ.

ޑީބީއެމްގެ ބޯޑުން މިފަހަރު އިސްތިއުފާ ދެއްވީ ކުރިން މީރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަހްމަދު އަލީ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ އިއްޔެގެ ވަގުތެއްގައި އަހްމަދު އަލީ އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ.

ޑީބީއެމްގެ ބޯޑު މެންބަރު ކަމަށް އަހްމަދު އަލީ އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް 21 ވަނަ ދުވަހު އެވެ.

ޑީބީއެމްގެ ފުރަތަމަ ސީއީއޯ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސްވެސް މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ރާއްޖޭގައި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ ގޮތުގައި ޑީބީއެމް ރަސްމީކޮށް ހުޅުވީ މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހުގެ ރެ އެވެ.

ޑީބީއެމްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ސިންގަޕޫރަށް ނިސްބަތްވާ އަރުނީ ގުނެތިލަކަ ކިޔާ އަންހެން ބޭފުޅެކެވެ.