ދުނިޔެ

އިންޑިއާ އާއި ޕާކިސްތާން އަނެއްކާވެސް ހަނގުރާމައިގެ ތުންފަތްމައްޗަށް

ކަޝްމީރުގެ އަވަށެއް ކަމަށްވާ ޕަހަލްގާމަށް ހަތިޔާރު އެޅި ބަޔަކު އަންގާރަ ދުވަހު -- މި މަހު 22 ގައި -- ވަދެގަނެ ބަޑިން ހަމަލާދީ 26 މީހަކު ވަނީ މަރާލާފަ އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ. އެއީ އިންޑިއާގެ 25 މީހަކާއި ނޭޕާލު ރައްޔިތެކެވެ. ހުސް ފިރިހެނުންނެވެ.

މި ހަމަލާ ދިން ބަޔަކާ މެދު ސުވާލު އުފެއްދިފައި އޮއްވައި، ޕާކިސްތާނަށް ފޫޅުކެނޑި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ދަ ރެސިސްޓެންސް ފްރޮންޓް (ޓީއާރުއެފް)" އިން ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ.

އިންޑިއާ ގަބޫލުކުރާ ގޮތުން ޓީއާރުއެފް އަކީ ޕާކިސްތާން ސަރުކާރާ ގުޅުން އޮންނަ ޖަމާއަތެކެވެ. މި ޖަމާއަތުގެ ހަނގުރާމަވެރިން ތަމްރީންކުރުމާއި "މަސައްކަތް" ހަވާލުކުރުމުގައި ޕާކިސްތާން ސަރުކާރުގެ މަތިފަޑިން ބަޔަކު ހަރަކާތްތެރިވެ އެވެ.

ހަތިޔާރު އެޅި ޖަމާއަތްތަކުން ކަޝްމީރުގައި ބަޣާވާތްކޮށް ޖިހާދުކުރުމަށް އިސްލާމްއާބާދުން ތާއީދުކުރާ ކަމަށް ޒަމާނުއްސުރެ އިންޑިއާ ގަބޫލުކުރެ އެވެ. އިންޑިއާގެ ކިބައިން ކަޝްމީރު މިނިވަންކުރުމަށް ޕާކިސްތާން ސަރުކާރުން ހިތްވަރުދޭ ކަމަށްވެސް އިންޑިއާ ތުހުމަތުކުރެ އެވެ.

ނަމަވެސް، ޕާކިސްތާނުން ވަނީ އިންޑިއާގެ މި ތުހުމަތަށް އިންކާރުކޮށް މި ވާހަކަތައް ދޮގުކޮށްފަ އެވެ.

ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން އެޅީ ފިޔަވަޅުތަކުގެ ތެރޭގައި، އިންޑިއާގައި ހުންނަ ޕާކިސްތާން އެމްބަސީން މުވައްޒަފުން މަދުކުރުމާއި، އިންޑިއާގައި ތިބި ޕާކިސްތާން ރައްޔިތުންގެ ތެރެއިން ވަކި ބަޔަކު އިންޑިއާއިން ފޭބުމަށް ވަގުތު ކަނޑައެޅުން ހިމެނެ އެވެ.

ޕާކިސްތާން ރައްޔިތުން އިންޑިއާއަށް ވަނުމަށް ވިސާ ބަންދުކުރުމާއި، ބޯޑަރު ހުރަސްކޮށް ޕާކިސްތާނުން އިންޑިއާއަށް ވަދެވެން އޮންނަ މަގު ބަންދުކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން އަޅާފާނެ ކަމަށް ބެލެވޭ އެންމެ ނުރައްކާތެރި ފިޔަވަޅަކީ "އިންޑަސް ވޯޓާސް ޓްރީޓީ (އައިޑަބްލިޔޫޓީ) އަށް އަމަލުކުރުން ހުއްޓާލުމެވެ.

އިންޑަސް ވޯޓާސް ޓްރީޓީ އަކީ އިންޑިއާ ހިއްސާކުރާ ކޯރުތަކުން ޕާކިސްތާނަށް ފެން ލިބޭ ގޮތަށް އޮންނަ އެއްބަސްވުމެވެ، މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ތިން ކޯރަކުން 70 ޕަސެންޓް ފެން ޕާކިސްތާނަށް ލިބެ އެވެ.

އިންޑިއާ އާއި ޕާކިސްތާން އުފެދިފައި އޮންނަ ގޮތުން ކޯރުތަކުން ފެން ދައުރުކުރަނީ އިންޑިއާއިން ޕާކިސްތާނަށް ވާ ގޮތަށެވެ. މިހެންކަމުން އިންޑިއާއިން ބޭނުންވެއްޖެ ނަމަ ޕާކިސްތާނަށް ފެން ދައުރުކުރުން ހުއްޓުވާލެވިދާނެ އެވެ.

އިންޑިއާގެ ކޯރުތަކުން ޕާކިސްތާނަށް ދައުރުވާ ފެން ހުއްޓުވާލައިފި ނަމަ، ދަނޑުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ބަރޯސާކުރާ ޕާކިސްތާނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. ނަމަވެސް، މި ކަހަލަ އެއްބަސްވުންތަކަކީ އެއް ފަރާތުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ހުއްޓުވާލެވޭ ގޮތަށް އޮންނަ އެއްބަސްވުންތަކެއް ނޫނެވެ.

އިންޑިއާގެ މި އަމަލަށް ރައްދުދެމުން ޕާކިސްތާނުން ވެސް ވަނީ، އިސްލާމްއާބާދުގައި ހުންނަ އިންޑިއާ އެމްބަސީ މުވައްޒަފުން މަދުކުރަން އަންގާފަ އެވެ. އަދި އިންޑިއާގެ މަދަނީ، އަސްކަރީ، އަމިއްލަ އަދި ދައުލަތުގެ ހުރިހާ މަތިންދާބޯޓަަކަށް ޕާކިސްތާންގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.

އިންޑިއާއާ އެކު އެކުލަވާފައި ހުރި ވިޔަފާރި އެއްބަސްވުންތައް ވެސް ޕާކިސްތާނުން ވަނީ ހުއްޓުވާފަ އެވެ. އަދި ޕާކިސްތާންގެ ތެރެއިން އިންޑިއާގެ ވިޔަފާރި އުޅަނދުތައް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

އިންޑިއާއިން ގޮތް ދޫނުކޮށްފި ނަމަ ދެ ގައުމުގެ ދެމެދުގައި ސުލްހަ ދެމެހެއްޓުމަށް 1972 ގައި ހަދާފައި އޮތް ސިމްލާ އެއްބަސްވުން ބާޓިލުކުރާނެ ކަަމަށްވެސް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޕާކިސްތާނަށް ލިބޭ ފެން ބަންދުކޮށްފި ނަމަ، އެއީ ހަނގުރާމަ އިއުލާންކުރުން ކަމަށް ބަލާނެ އެވެ. އަދި ރައްދުދިނުމަށް ދައުލަތަށް ލިބިގެންވާ ހުރިހާ ބާރެއް ފުރިހަމަކަން މަތީގައި އިންޑިއާއާ ދެކޮޅަށް ބޭނުންކުރާނެ އެވެ.