ދުނިޔެ

ކްރައިމިއީ އަލުން ޔުކްރޭނަށް ލިބުމަކީ މުސްތަހީލުކަމެއް: ޓްރަމްޕް

ޔުކްރޭން ހަނގުރާމައިގެ ކުރިން ކްރައިމިއާ އަކީ ޔުކްރޭންގެ އަވަށެއް ނަމަވެސް، އެއީ މިހާރު ރަޝިއާގެ ބައެއް ކަމަށް ދޭހަވާ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަދައްކަވައިފި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ރަޝިއާ ސިފައިން ކްރައިމިއާ އިސްތިއުމާރުކުރީ އޭނާގެ ވެރިކަމުގައެއް ނޫނެވެ. މިހެން ކަން އޮތުމުން، ރަޝިއާ އަތުން ކްރައިމިއާ އަތުލާފައި ޔުކްރޭނަށް ދިނުމުގައި އޭނާއަށް އެއްވެސް ދައުރެއް ނެތެވެ.

ރަޝިއާ ސިފައިން ކްރައިމިއާއަށް އަރައިގަތްއިރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވީ ބާރަކް އޮބާމާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މިހެންކަމުން، އެކަމުގެ ޒިންމާ ނަންގަވަން ވާނީ އޮބާމާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އެކަމަކު ކްރައިމިއާ އަނބުރާ ލިބޭނެ ކަމަށް ޔުކްރޭނުން އުންމީދު ނުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއިން ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި، ރަޝިއާ ސިފައިންގެ ބާރު އޮތް އެއްވެސް ތަނެއް ދޫނުކުރުން ހިމެނެ އެވެ. ޔުކްރޭންގެ ބިމުން ރަޝިއާ އިސްތިއުމާރުކޮށްފައި އޮތް ތަނެއް ދޫކުރަން ޖެހިއްޖެ ނަމަ، ޔުކްރޭން ހަނގުރާމަ ނުހުއްޓޭނެ ކަމަށްވެސް ރަޝިއާއިން ވަނީ ބުނެފަ އެވެ.