ދުނިޔެ

އިންޑިއާ، ޕާކިސްތާން ހަމަނުޖެހުން: ބޯޑަރުގައި ހަމަލާބަދަލުކޮށްފި

ކަޝްމީރުގެ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އިންޑިއާއާ ޕާކިސްތާންގެ ގުޅުން ވަރަށް ގޯސްވެފައި އޮތް ދަނޑިވަޅެއްގައި، ދެ ގައުމު ގުޅޭ ބޯޑަރުގައި ސިފައިން ހަމަލާ ބަދަލުކޮށްފި އެވެ.

ދެ ގައުމުގެ ސިފައިން ބޯޑަރު ހުރަސްކޮށް ހަމަލާ ބަދަލުކުރިކަން ޕާކިސްތާނުން ވަނީ އޭއެފްޕީއަށް ކަށަވަރުކޮށްދީފަ އެވެ.

ޕާކިސްތާން ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ސައީދު އަޝްފާގް ގިލާނީ އޭއެފްޕީއަށް ވިދާޅުވި ގޮތުން ބޯޑަރު ހުރަސްކޮށް ސިފައިން ހަމަލާ ބަދަލުކުރީ، ފޯރިމަރަން ބަހައްޓާފައި ހުންނަ ސެކިޔުރިޓީ ޕޯސްޓްތަކުގެ މެދުގަ އެވެ. މަދަނީ އެއްވެސް ސަރަހައްދަކަށް ހަމަލާ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އާންމު ދިރިއުޅުމަށް އެއްވެސް ކަހަލަ ހުރަހެއް ނެތް ކަމަށާއި، ސްކޫލްތައް ވެސް ބަރާބަރަށް ހިނގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެއް ކަމަށްވާ ޕަހަލްގާމަށް އަންގާރަ ދުވަހު -- މި މަހު 22 ގައި -- ހަނގުރާމަވެރިން ވަދެގަނެ ބަޑިން ހަމަލާދީ 26 މީހަކު ވަނީ މަރާލާފަ އެވެ.

މި ހަމަލާއާ ގުޅިގެން އިންޑިއާއިން އަދި ޕާކިސްތާނުން ވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. މި ގޮތުން ބޯޑަރު ބަންދުކުރުމާއި، ވައިގެ ސަރަހައްދު ބަންދުކުރުން އަދި އެންބަސީތަކުން އޮފިޝަލުން މަދުކުރުން ހިމެނެ އެވެ.

ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން އަޅާފާނެ ކަމަށް ބެލެވޭ އެންމެ ނުރައްކާތެރި ފިޔަވަޅަކީ "އިންޑަސް ވޯޓާސް ޓްރީޓީ (އައިޑަބްލިޔޫޓީ) އަށް އަމަލުކުރުން ހުއްޓާލުމެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޕާކިސްތާނަށް ލިބޭ ފެން ބަންދުކޮށްފި ނަމަ، އެއީ ހަނގުރާމަ އިއުލާންކުރުން ކަމަށް ބަލާނެ އެވެ. އަދި ރައްދުދިނުމަށް ދައުލަތަށް ލިބިގެންވާ ހުރިހާ ބާރެއް ފުރިހަމަކަން މަތީގައި އިންޑިއާއާ ދެކޮޅަށް ބޭނުންކުރާނެ އެވެ.