ޔުމްނު ވެއްޓުން

ރައުދުގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިފި

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ)ގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފި އެވެ.

ރައުދުގެ ބަންދަށް ކޯޓުން މުއްދަތު ޖެހީ ރޭ އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނުއިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުވެސް ކޮށްފައިވެ އެވެ.

ރައުދު ރޭ ހައްޔަރުކުރީ އާންމުންގެ ފާޑު ކިޔުން ބޮޑުވެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.

ޔުމްނު ވެއްޓުނު ދުވަހުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ރައުދު ގެންގޮސް ސުވާލުކޮށް އޭނާގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށްފަހު ދޫކޮށްލި އެވެ.

ފުލުހުން އެ ދުވަހު އޭނާ ދޫކޮށްލިއިރުވެސް ކުޑަކަމުންދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސް ވެފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން ރައުދު މިރޭ އަލުން ހައްޔަރުކުރި ވަކި ސަބަބެއް ފުލުހުން ނުބުނެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ކުރިން މާލޭގެ ދެ ގެއެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ޔުމްނު އާއި ރައުދު އަދި އިތުރު ފަސް މީހަކު ހިމެނޭހެން މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަން ފުލުހުން ކުރިން ދިން މައުލޫމާތުން އެނގެ އެވެ.

ޔުމްނުގެ ހަށިގަނޑުންވެސް ފުލުހުން ނެގި ސާމްޕަލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. ދެން ތިބި ފަސް މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށް އެދުމުން އެމީހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ފުލުހުން އޭރު ވަނީ އެ މީހުންގެ ސާމްޕަލް ނުނަގާ ދޫކޮށްލާފަ އެވެ.

ނަމަވެސް މިއަދު ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އަލީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މައްސަލައިގައި ހިމެނޭ އެންމެން އަލުން ދެނެގަނެ އެ އެންމެންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ފުރުން މަނާކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.