ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން "ފަހި ސިއްހަތު ހެލްތު ފެއާ"ގެ ނަމުގައި ފެއާއެއް ހުޅުވައިފި އެވެ.
ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު، މާލޭ އަރޓިފިޝަލް ބީޗުގައެވެ.
އާޓިފިޝަލް ބީޗްގައި އެއް ދުވަހަށް ކުރިއަށް ގެންދާ މި ފެއާ މިއަދު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.
މި ފެއާ އަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަދި އދގެ ކުޑަކުދިންގެ ޖަމިއްޔާ (ޔުނިސެފް) ގުޅިގެން ކުރިއަށް ގެންދާ ފެއާ އެކެވެ.

ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި ފެއާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ "ދުޅަހެޔޮ ހަށިހެޔޮ" މުޖުތަމައެއް ބިނާކުރުމުގެ ވައުދާ އެއްގޮތަށް، މުޅި ގައުމަށް އަމާޒުކޮށްގެން އެމްއެންޔޫ އިން ފަށާފައިވާ ކެމްޕޭނެއްގެ ތެރެއިން ކުރިއަށްދާ ފެއާ އެއް ކަމަށެވެ.
"މި ކެމްޕޭން ދައްކުވައިދެނީ ތައުލީމާއި ބައިވެރިވުން އަދި ބާރުވެރިކުރުމުގެ ޒަރިއްޔާއިން، ނުރައްކާތެރި ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާ ކުރިމަތިލައި، ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވުމާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށް، އެންމެން ގުޅިގެން ކުރާ މަސައްކަތް،" ވައިސް ޗާންސެލާ ވިދާޅުވި އެވެ.

މި ފެއާ ކުރިއަށްދާނީ މިރޭ 10:00ގެ ނިޔަލަށެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މި އަހަރުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދުޅަހެޔޮ ފެށުމެއް، އުއްމީދީ މުސްތަގުބަލެއް،" މި ޝިއާރެވެ. މި ޝިއާރު އަންގައިދެނީ ދަރިމައިވުމާއި އަލަށް އުފަންވާ ކުދިންގެ ސިއްހަތު ސަލާމަތް ކުރުމުގެ މުހިއްމު ކަމެވެ. އެއީ ދުޅަހެޔޮ މުޖުތަމައުތަކާއި އުޖާލާ މާދަމާއަކަށް މަގުފަހިކޮށްދޭ ބިންގަލެވެ.