ޓޫރިޒަމް

ރިސޯޓްތަކަށްވުރެ ގެސްޓްހައުސްތަކުގެ ޑިމާންޑް އިތުރުވެއްޖެ

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ގެސްޓްހައުސްތަކުގެ ޑިމާންޑް ރިސޯޓްތަކަށްވުރެ އިތުރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 788,650 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މީގެ ތެރެއިން 70 ޕަސެންޓް ޓޫރިސްޓުން ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައި ކަމަށްވާއިރު 24 ޕަސެންޓް ޓޫރިސްޓުން ތިބީ ގެސްޓްހައުސްތަކުގައެވެ. އަދި 3 ޕަސެންޓް ޓޫރިސްޓުން ހޮޓާތައް ހިޔާރުކޮށްފައިވާއިރު 2.5 ޕަސަންޓް ޓޫރިސްޓުން ތިބީ ޓޫރިސްޓު އުޅަނދުތަކުގައެވެ.

މިނިސްޓްރީގެ ހިސާބުތަކުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ރަޖިސްޓްރީކޮށްފައިވާ އެނދުގެ ނިސްބަތުން ބަލާއިރު ރިސޯޓްތަކަށްވުރެ ގެސްޓްހައުސްތަކުގެ ޑިމާންޑް މަތިވެފައިވުމެވެ. ރިސޯޓްތަކުގައި ހުރި އެއް އެނދަކަށް 12.8 ޓޫރިސްޓުން ޖެހޭއިރު، ގެސްޓްހައުސްތަކުގެ އެއް އެނދަކަށް 13.6 ޓޫރިސްޓުން ޖެހޭކަން ވަނީ ފާހަގަކުރެވިފަ އެވެ.

މީގެ އިތުރުން ރިސޯޓްތަކާ އަޅާބަލާއިރު ގެސްޓްހައުސްތަކުގެ އަގުތައްވެސް އެތައް ގުނައެއް ދަށެވެ. ބައެއް ގެސްޓްހައުސްތަކުން ރެއަކަށް އެންމެ 40 ޑޮލަރަށް ކޮޓަރި ލިބެން ހުންނައިރު ގިނަ ގެސްޓްހައުސްތަކުގެ އަގުތައް ހުރީ 100 ޑޮލަރަށް ވުރެ ދަށުގައެވެ. އެކަމަކު ރިސޯޓްތަކުގައި ކޮޓަރިއެއް އެންމެ ކުޑަ އަގެއްގައިވެސް އުޅެނީ އެވްރެޖުކޮށް ދުވާލަކަށް 200 ޑޮލަރަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކައިދެނީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޔޫރަޕުގެ ގައުމުތަކުން ކަމެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އޭގެ ފަހަތުން އޮތީ އިނގިރޭސިވިލާތް، ރަޝިއާ، އިޓަލީ އަދި ޖަރުމަނުވިލާތެވެ.

މިނިސްޓްރީން އަންދާޒާކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެ އެވެ. މިދިޔަ އަހަރުވެސް އެއް އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.