ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުމަކީ ސާފްގެ މެމްބަރު ގައުމުތަކާއި މީޑިއާ ޕާޓްނަރުންގެ އެއްބަސްވުމާއެކު ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މުބާރާތް ރަނގަޅު ފެންވަރެއްގައި ބޭއްވުމަށް އިތުރު މަޝްވަރާތަކެއް ކުރަންޖެހުން ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ފަހަރަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ސްރީލަންކާއިން ހުށަހެޅި ގޮތަށް މުބާރާތް ބޭއްވުމަށް އެހެން ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ މުބާރާތް ލަންކާގެ ކޮލަމްބޯގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައި އޮތީ ޖޫން 22 ވަނަ ދުވަހު އެވެ.

މި މުބާރާތް އަންނަ އަހަރަށް ފަސްކުރިއިރު އަންނަ އަހަރަކީ ވޯލްޑް ކަޕްވެސް ބާއްވާ އަހަރެވެ.

ސްރީލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މުބާރާތް ސްރީލަންކާގައި ބޭއްވުމުގެ އުއްމީދެއް ނެތެވެ. އެންމެ ބޮޑު ހުރަހަކީ ސްޕޮންސަރުންގެ މައްސަލަތައް ކަމަށް ސްރީލަންކާގެ މީޑިއާ ތަކުން ބުނެ އެވެ.

ރާއްޖޭގެ ނެޝަނަލް ޓީމަށް ބަލާއިރު އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކުޅުނީ 2023 ވަނަ އަހަރު އެވެ. އެ މުބާރާތުގައި ރާއްޖެއިން ވަނީ ބޫޓާން ބަލިކުރުމަށްފަހު، ބަންގްލަދޭޝް އަދި ލެބަނޮންއާ ކުޅެ ބަލިވެ މުބާރާތުން ކަޓައިގެން ގޮސްފަ އެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖޭގެ ޓީމުން ކުޅެފައިވަނީ އެންމެ 6 މެޗެވެ. އެއީ ބަންގްލަދޭޝްއާ އެކު 4 މެޗާއި، މިދިޔަ މަހު އިންޑިއާ އަދި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗެވެ.

ރާއްޖެއިން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.