ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ)ގެ ބޭސްފަރުވާ ހުރިހާ ކަމެއް ސަރުކާރުގެ ހަރަދެއް ސަރުކާރުން ހަމަޖައްސައިދީފި އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މިމައްސަލައިގައި ވާހަކަދެއްކުމަށް އާއިލާ އިން ހުއްދަ ދީފައިވަނީ ޔުމްނުގެ އެއްބަނޑުއެއްބަފާ ދައްތަގެ ފިރިމީހާ މުހައްމަދު މުއުމިން އަށެވެ.
މުއުމިން މިރޭ މީޑިއާގައި ބުނި ގޮތުގައި ޔުމްނުއަށް ފަރުވާ ދިނުމަށް މެލޭޝިއާއަށް ގެންދިއުމާއި އެ ގައުމުގެ ބޭސް ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އިންތިޒާމުތައް މިވަގުތަށް ހަމަޖެހިފައި ހުރި ގޮތުން އަންނަ އާދިއްތަ ދުވަހުގެ ވަގުތެއްގައި ސްރީލަންކަން އެއާލައިންސްގެ ބޯޓެއްގައި ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް އޭނާއަށް މިހާރު ފަރުވާ ދެމުންދާ އައިޖީއެމްއެޗްގެ ޑޮކްޓަރުން ވަނީ ހުއްދަ ދީފަ އެވެ. އެކަމަކު އޭގެ ކުރިންވެސް ފްލައިޓެއް ޗާޓަރު ކޮށްގެންވެސް ޔުމްނު މެލޭޝިއާއަށް ގެންދިއުމަށްވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އއިލާ އިން ބުނެ އެވެ.
ޔުމްނު ސިއްހީ ހާލަތާ ގުޅޭގޮތުން އާއިލާ އިން މިވަގުތު އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވެ އެވެ. ނަމަވެސް އެންމެންގެ ހެޔޮ ދުއާއަށް އާއިލާ އިން ވަނީ އެދިފަ އެވެ.
ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯ އިން ޔުމްނު ވެއްޓުނީ ޖެހިގެން ހުރި ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށެވެ.
ޔުމްނު އާއި އެރޭ އޭނާއާ އެކު އެންމެ ފަހު ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) އާއި ފެންޓެނޯއީގެއަށް ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނުމުގެ ކުރިން ޔުމުނު އާއި ޒިލާލްގެ އިތުރުން އެހެން ހަތް މީހަކު އެންމެ ފުރަތަމަ ވަނީ މއ. މާންދޫގޭދެކުނު ގެއަށް ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:00 އާއި 12:30ގައި ވަދެފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށްފަހު އެ ގުރޫޕްގައި ހިމެނޭ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފަ އެވެ. އަދި ރައުދު ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން މިއަދު ވަނީ ފަސް ދުވަސް ދީފަ އެވެ.