މ. މުލީ އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވީ މުލީ އެއާޕޯޓަށް ރަސްމީކޮށް ދަތުރުތައް ފެށުމަށްޓަކައި އިތުރު މުވައްޒަފުން ވަރަށް އަވަހަށް ނަގައި އެ މީހުންނަށް ބޭނުންވާ ތަމްރީންތައް ދޭނެ ކަމަށެވެ. ރަސްމީކޮށް ދަތުރުތައް ފަށާނީ ޓެސްޓް ފްލައިޓަށްފަހު ސިވިލް އޭވިއޭޝަން އޮތޯރިޓީން ބަލައި މިންގަނޑުތަކާއި އެސެސްމަންޓްތަކަށް ފަހު ކަމަށްވެސް ވިދާޅުވި އެވެ.
"ރަސްމީ އޮޕަރޭޝަން ފަށަން އަދި މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭ،" މުބީން ވިދާޅުވި އެެވެ.

މުލި އެއާޕޯޓަށް މޯލްޑިވިއަން އިން ޓިކެޓް ވިއްކާ އަގު ފަހުން ހާމަކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުން ދަނީ މިމަހުގެ 30 ނުވަތަ ކުރިއަށް އޮތް މެއި އެއްވަނަ ދުވަހު އެވެ.
މުލި އެއާޕޯޓް ހުޅުއްވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.
މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެ އެވެ.
މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.