ބާސެލޯނާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ކޯޕާ ޑެލް ރޭ ފައިނަލް ކުޅޭނެ ކަމަށް ރެއާލް މެޑްރިޑް އިން އިއުލާނުކޮށްފި އެވެ.
މީގެކުރިން އެކުލަބުން ފައިނަލް ނުކުޅޭނެ ކަމަށް ބުނުމަށްފަހު ނިންމުން ބަދަލުކޮށް ސްޕެނިޝް ކަޕް ފައިނަލް ކުޅޭނެކަމުގެ ޔަގީންކަން މިހާރު ވަނީ ވަނީ ދީފަ އެވެ.
ރެއާލް މެޑްރިޑްގެ މި ނިންމުން ނިންމީ އެލް ކްލާސިކޯގެ ރެފްރީ އާއި ވީއޭއާރް ރެފްރީއާ ދެކޮޅަށް ފާޑުކިޔާ ވީޑިއޯތަކެއް ޝާއިއުކުރުމަށްފަހު އެވެ. އަދި ފައިނަލްގެ ރެފްރީ އާއި ވީއޭއާރް ރެފްރީ ބަދަލުކުރުމަށް އެކުލަބުން އެދިފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ރެއާލް މެޑްރިޑްގެ ގާނޫނީ ވަކީލުން މިހާރު މަސައްކަތްކުރަމުންދަނީ ރެފްރީންގެ ފަރާތުން މައާފަށް އެދި ބަޔާނެއް ނެރުމަށް ބާރުއެޅުމަށެވެ.
ބާސެލޯނާގެ ފަރާތުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެއާލް މެޑްރިޑްގެ މި އަމަލަކީ ރެފްރީންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ރެއާލް މެޑްރިޑް ފައިނަލް ކުޅުމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ބާސެލޯނާއިން ބުނެފައިވެ އެވެ.
ސްޕޭންގެ ސެވިއްޔާގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ މެޗު ބެލުމަށްޓަކައި ގިނަ ބަޔަކު ދަތުރުކޮށްފައިވާ އަދި މިހާރުވެސް އެތައް ބަޔަކު ސެވިއްޔާގައި ތިބި މެޗެއްކަން ފާހަގަކޮށް، އެފަރާތްތަކަށް އިހްތިރާމްކުރުމުގެ ގޮތުން މެޗު ކުޅޭނެކަމަށް ރެއާލް މެޑްރިޑުން ބުނެ އެވެ.
ރެއާލްގެ މިއަމަލުތަކުގެ ސަބަބުން މީޑިއާގައި އެޓީމަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެޓީމުން ފައިނަލް މެޗު ނުކުޅޭ ހާލަތެއްގައި އަންނަ ސީޒަންގައި ކޯޕާ ޑެލް ރޭ ކުޅުމުގެ ފުރުސަތު އެޓީމަށް ގެއްލޭނެ ކަމަށް ސްޕޭން މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ރެއާލްއަށް ލަލީގާގެ ރައީސް ޓޭބަސް ވަނީ ވަރުގަދަ އިންޒާރުތަކެއްވެސް ކުރިން ދީފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރެއާލްއިން މެޗު ކުޅެން ނިންމި މައިގަނޑު ސަބަބަކީ ޓޭބަސްގެ އިންޒާރުތައް ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.