ދެކުނުގައި އެންމެ ބޮޑު އެއް އާބާދީއެއް އޮތް ގދ. ތިނަދޫ ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސާޖަރީ ހަދައިފި އެވެ.
މިފަދަ ސާޖަރީއެއް ކުރިއަށް ގެންގޮސްފައި މިވަނީ އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކުރިއަށް ގެންދާ އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕްގެ ތެރެއިންނެވެ.
ޑޮކްޓަރުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާ ޑރ. އަބްދުﷲ އުބައިދު ވިދާޅުވީ މިފަދަ އޮޕަރޭޝަންތައް އަތޮޅު ތެރޭގައި ކުރިއަށް ގެންދިއުން މުހިއްމު ކަމަށާއި މުސްތަގުބަލްގައި މިފަދަ އިތުރު ސާޖަރީ ފުރިހަމަ ކުރެވޭނެ ކަމަށެވެ.
ތިނަދޫގައި މިވަގުތު ކުރިއަށްދާ ކޭމްޕްގައި މާލެ އިން ދިޔަ 8 ޑޮކްޓަރަކު ބައިވެރިވެ އެވެ.

މާލެ އިން ދިޔަ ޑޮކްޓަރުންގެ ޓީމު
- މުހައްމަދު ވަހީދު - ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއާގެ ހާއްސަ ޑޮކްޓަރު
- އަސްއަދު މުހައްމަދު ޝަހީދު - ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ހާއްސަ ޑޮކްޓަރު
- އިބްރާހީމް އާދިލް - އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއާ އަށް ހާއްސަ ޑޮކްޓަރު
- އަބްދުﷲ އަދްޡަރު - ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު
- އަބްދުﷲ އުބައިދު - އާއްމު އަދި ލެޕްރޮސްކޯޕިކް ސާޖަރީގެ ހާއްސަ ޑޮކްޓަރު
- އާއިޝަތު އަޒުނާ - ގޮހޮރުގެ އަދި ބެރިއަޓްރިކް ސާޖަރީގެ ހާއްސަ ޑޮކްޓަރު
- މުހައްމަދު ޝިފާން - ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރު
- އަލީ އާ - ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މާލެ އިން ޑޮކްޓަރުންގެ ޓީމުތައް ފޮނުވައިގެންވެސް އަތޮޅު ތެރޭގައި އެކި ބަލިތައް ތަހައްމަލް ކުރާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަތޮޅު ތެރޭގެ ބައެއް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ގެންގުޅޭ ސިޔާސަތުގައި ތިނަދޫ ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަކީ މުހިއްމު ތަނެކެވެ.