ދުނިޔެ

ހެޔޮ އަޚުލާގަކީ ކޮބައިކަން އަހަރެމެން ދަންނަން: ލަވްރޯފް

ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތައް އާންމުންނަށް ލީކުކުރުމަކީ ރަޝިއާއިން ކުރާނެ ކަމެއް ނޫން ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ލަވްރޯފް ވިދާޅުވި ގޮތުން އާންމުނާ ހަމައަށް މަޝްވަރާތަކުގެ ތަފުސީލު ދާނީ، ބަހުސްކޮށް ނިންމައި ދެމެހެއްޓެނިވި ހައްލެއް ލިބުމުންނެވެ.

"އެމެރިކާ ބުނީ އެހެން، މިހެންނޭ، އަދި އަހަރެމެން މިހެން ބުނީމޭ ކިޔައި އާންމު ޓީވީތަކުގައި އަދި އާންމު ޕޯޑިއަމްތަކުގައި ހޯބޯލެވުމަކީ ރަޝިއާ ކުރާ ކަމެއް ނޫން،" ސީބީއެސްއަށް ދެއްވި އިންޓަވިއުއެއްގައި ލަފްރޯފް ވިދާޅުވި އެވެ.

ލަފްރޯފް ވިދާޅުވި ގޮތުން މަޝްވަރާތަކުގައި އަލިކުލަ ނުޖެހިގެން އުޅެނިކޮށް އާންމުނަށް ތިލަކުރުމަކީ އެ ކަމުގެ މުހިންމުކަން ކެނޑިގެންދާނެ ކަމެއް ކަމަށެވެ.

ރަޝިއާ އޮފިޝަލުންގެ ވިސްނުމަކީ، ލަފްރޯފް ވިދާޅުވި ގޮތުގައި، މަޝްވަރާތަކުގެ މިސްރާބާ ބެހޭ ގޮތުން އަދި ވާހަކަނުދެއްކުމެވެ. ޓީވީ އިންޓަވިއުއެއްގައި ކުރެވޭ ސުވާލެއްގެ ޖަވާބު ފުރިހަމަކުރުމުގެ ގޮތުންވެސް، ހިނގަ، ހިނގާ ހުންނަ މަޝްވަރާތަކުން މައުލޫމާތު ތާޒާނުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި، ޔުކްރޭންގެ ރައީސް ޒެލެންސްކިއަށް ހަރުދަނާ ފިޔަވަޅެއް ނޭޅުއްވިގެން އެ އުޅުއްވަނީ އަނގަބޮޑުކަމުނެނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަޑުލައި، އަދި ޖެހުނުހާ މީހަކާ ދިމާއަށް ތުމުންފުމުމަކީ ސީރިއަސް މައްސަލަތައް ހައްލުކުރަން އޮތް ގޮތް ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީޑިއާގައި އަދި ނޫސްތަކަށް ދޭންޖެހޭ މައުލޫމާތާއި، ދޭން ނުޖެހޭ މައުލޫމާތު ހުންނާނެ ކަމަށް ލަވްރޯފް ވިދާޅުވި އެވެ. އެކަމަކަށް އެންމެ މުނާސަބު ވަގުތުގައި ނޫނީ މައުލޫމާތު އާންމުނުކުރުމަކީ ޑިޕްލޮމެޓިކް ރީތި އުސޫލު ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ރަޝިއާ ދައްކަނީ ސީރިއަށް ވާހަކަތަކެއް ކަމަށް ލަވްރޯފް ވިދާޅުވި އެވެ. މިދަނޑިވަޅުގައި އެޖެންޑާއިން ބޭރުން އާންމުކުރާނެ އެއްވެސް މައުލޫމާތެއް އަދި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.