ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި އެރޭ އޭނާއާ އެކު އުޅުނު އެންމެންގެ ފޯން ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހިމެނޭ ނުވަ މީހެއްގެ ފޯން، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.
ފޯން ހިފަހައްޓާފައިވާ މީހުންގެ ވަނަވަރު ފުލުހުން ކުރިން ހާމަކޮށްފައިވެ އެވެ.
މައްސަލައިގައި ހިމެނޭ މީހުން
- އިޖާޖާ ޖާއިޒް - ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
- އިޒުދިޔާން މުހައްމަދު މައުމޫން - މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހްމަދު އަކްރަމް - މއ. މާންދޫގޭދެކުނުގެ
- އާއިޝަތު ލަޔާލީ އިގުބާލު - ގ. ނޯތުބްރީޒް
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު - މ. ތިލަފަޅު
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- ހުސައިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
މިގުރޫޕްގެ އެންމެން މިމަހުގެ 18 ވިލޭރޭ މެންދަމުން 12:00 އާއި 12:30އާ ދެމެދުގެ ވަގުތެއްގައި އެންމެ ފުރަތަމަ ވަދެފައިވަނީ މއ. މާންދޫގެދެކުނުބަޔަށެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ އޭނާގެ އާއިލީ ގެ އެވެ.
މިމައްސަލައިގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ މިމައްސަލަ ސީރިއަސްކޮށް ބަލާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ސީޕީ ވިދާޅުވި ގޮތުގައި ޔުމްނު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:30 ހާއިރު އެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އެ ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށާއި ވެއްޓިފައި އޮތީ ކާކުކަން ދެނެގަތުމަށް ވަގުތުތަކެއް ނެގި ކަމަށްވެސް ވިދާޅުވި އެވެ.
ކޮމިޝަނާ ވަނީ މިމައްސަލައިގައި ހިމެނޭ ބައެއް ޒުވާނުންނަކީ ސިޔާސީ ބޭފުޅުންގެ އާއިލާތަކަށް ނިސްބަތްވާ ބަޔަކަށްވީ ނަމަވެސް މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.