ދުނިޔެ

އީރާންގެ ބަނދަރެއްގައި ބާރުގަދަ އެއްޗެއް ގޮވައި 400 މީހުން ޒަހަމްވެއްޖެ

ދެކުނު އީރާނުގެ ބަންދަރު އައްބާސްގެ ބަނދަރެއް ކަމަށްވާ ޝަހީދު ރަޖާއީގައި ބާރުގަދަ އެއްޗެއް ގޮވައި 400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އީރާންގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެަފި އެވެ.

މި ގޮވުމުގެ ސަބަބު އަދި އެނގިފައި ނުވާ ކަމަށް އިދާރާތަކުން ބުނެ އެވެ.

ތަސްނީމް ނޫސް އެޖެންސީން ބުނާ ގޮތުން، ތެޔޮ ރައްކާކުރާ ޓޭންކްތަކެއް އެއްފަހަރާ ގޮވުން ސަބަބަކަށް ވެދާނެ އެވެ. ނަމަވެސް، ކަމާ ބެހޭ ރަސްމީ އެއްވެސް އިދާރާއަކުން އަދި ސަބަބު ބަޔާންކޮށްފައެއް ނުވެ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން އެ ގޮވި އެއްޗެއް ގޮވީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެއީ ތެޔޮ ޓޭންކްތަކެއް ގޮވި އަޑު ކަމަށް ނުބެލެވޭ ކަމަށް ގޮވުމުގެ އަޑުއިވުނު މީހުން ބުނެ އެވެ. ފަހަރެއްގައި ބަޔަކު އެއްޗެއް ގޮއްވާލީ ކަމަށް ވެދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

އީރާންގެ ރަސްމީ އިދާރާތަކުން މިކަމާ ބެހޭ ގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ. ނަަމަވެސް އީރާންއާ ގުޅިގެން ދުނިޔޭގައި ހިނގާފައި ހުންނަ ކަންތައްތަކަށް ބަލާއިރު، އިރާނަށް ރަނގަޅު ގޮތެއް ވެދާނެ ކަމަށް ބެލެވޭ ގޮތަކަށް ސިޔާސީ މަސްރަހު ފުރޮޅިގެންދާ ކޮންމެ ފަހަރަކު އީރާންގެ އެތެރޭގައި އެއްޗެއް ގޮއްވާލަ އެވެ. ނުވަތަ ބަޔަކު މަރާލައި ހަމަނުޖެހުންތަކެއް ހިންގަ އެވެ.

މިއީ އެމެރިކާއާ އީރާންއާ ދެމެދު، އީރާންގެ ނިއުކްލިއާ މަޝްރޫއުތަކާ ބެހޭ ގޮތުން އޮމާން މެދުވެރިކޮށް މަޝްވަރާކުރެވޭ ދުވަސްވަރެކެވެ. ފުރަތަމަ ބުރާއި ދެވަނަ ބުރު ނިމި މިހާރު ކުރިއަށް ދަނީ ތިންވަނަ ބުރުގެ މަޝްވަރާތަކެވެ.

މި މަޝްވަރާތައް ކުރިއަށް ދަނީ ހިތްހަމަޖެހޭ ގޮތަށް ކަމަށް އެމެރިކާ އަދި އީރާނުން ވެސް ވަނީ ބުނެފަ އެވެ.

އީރާންއާ މެދު އެމެރިކާ ދެކޭ ގޮތް ބަދަލުކޮށް އެކުވެރިކަމުގެ ގުޅުމަކުން ދެ ގައުމު ގުޅުމަކީ އިޒުރޭލަށް ވޭންދެނިވި ކަމަކަށް ވާނެ އެވެ. މިކަން މިގޮތަށް ވިޔަނުދިނުމަށް އިޒުރޭލުން ޝައިތާނީ ބާރުތަކަށް ހިތްވަރުދޭނެ އެވެ. އަދި ކުރެވެން ހުރި ޖާހިލު ހުރިހާ ކުރާނެ އެވެ.