އިންޑިއާ އާއި ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި އާވިއަރަމުން އަންނަ ދަނޑިވަޅެއްގައި، އެކަމާ ބެހޭ ގޮތުން ދެކެވަޑައިގަންނަވާ ގޮތް އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ޕާކިސްތާނާއި އިންޑިއާއާ ދެމެދު އަބަދުވެސް ނުތަނަވަސްކަން އޮވެ އެވެ. އެމެރިކާ އެ ދެމެދަށް ނުވަނެއް ކަމަކު، އަވައްޓެރި ގައުމުތަކުން އެކަން ހައްލު ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެނާ ވިދާޅުވި އެވެ.
ކަޝްމީރުގެ މައްސަލާގައި އެ މީހުން ތަޅާފޮޅާތާ ހާހަކަށް ވުރެ ގިނަ އަހަރު ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއާފޯސް ވަންގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓްރަމްޕް ވިދާޅުވީ ނުތަނަވަސްކަން ހައްލުކުރުމަކީ އެ މީހުންނަށް އޮތް ކަމެއް ކަމަށެވެ.
ޕާކިސްތާނާ އިންޑިއާއާ ދެމެދު ވާދަވެރިކަން އޮންނަކަން ތިޔައިން އެކަކަށްވެސް އޮޅިފައި ނުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
މައްސަލަ އަވަހަށް ހައްލުކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަދި ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށް ގުޅުއްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ސީދާ ޖަވާބެއް ނުދެއްވި އެވެ.
ޓްރަމްޕް ވިދާޅުވީ ދެ ލީޑަރުންނަކީ ވެސް އެނާއާ ވަރަށް ގާތް ގުޅުންތަކެއް ބާއްވަވާ ދެ ބޭފުޅުން ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި މި ފަހުން ނުތަނަވަސްކަން އުފެދި ހަމަލާ ބަދަލުކުރާ ހިސާބަށް ގޮސްފައި މިވަނީ، ކަޝްމީރުގެ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެންނެވެ.
ޕަހަލްގާމް އަކީ ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެކެވެ. ހަތިޔާރުއެޅި ގުރޫޕަކުން އަންގާރަ ދުވަހު -- މި މަހު 22 ގައި -- މި އަވަށަށް ވަދެގަނެ ބަޑިން ހަމަލާދީ 26 މީހަކު ވަނީ މަރާފަ އެވެ. އޭގެ ތެރޭ#ގައި ގިނައީ އިންޑިއާ މީހުންނެވެ. ޚަބަރުތައް ބުނާ ގޮތުން 25 މީހުން ނިސްބަތްވަނީ އިންޑިއާ އަށެވެ. ދެން ހިމެނެނީ ނޭޕާލު މީހެކެވެ. މަރުވި 26 މީހުންނަކީ ވެސް ފިރިހެނުންނެވެ.