ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސީޕީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން އޭނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރައްވަ އެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތް ކަމަށެވެ.
"މި ތަހުގީގުގެ ކަންކަމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނާ އިސްމާއިލް ނަވީން ކަމަށްވާތީ ކަމިޝަނާ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނާ އިސްމާއިލް ނަވީން ކަނޑައަޅައިފިން،" އިހްސާން ވިދާޅުވެފައިވެ އެވެ.
ޝުޖާއު އިސްތިއުފާ ދެއްވީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ފުލުހުން ދޮގު ހަދާ ކަމަށް ބުނެ މުޒާހަރާ ކުރަމުންދާ މީހުން ޝުޖާއުގެ އިސްތިއުފާއަށް ގޮވަމުން ދަނިކޮށެވެ.