ޔުމްނު ވެއްޓުން

ޔުމްނު މެލޭޝިއާއަށް ފުރުވާލައިފި

އިމާރާތަކުން ވެއްޓި އަނިޔާވި ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލައިފި އެވެ.

ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބުނީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވެއްޓުމާ ގުޅިގެންނެވެ.

ޔުމްނުއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާތާ 10 ދުވަސް ފަހުން މިރޭ މެލޭޝިއާއަށް ފުރުވާލީ ޔުމްނުގެ އާއިލާ އިން އެގޮތަށް ބޭނުންވުމުންނެވެ.

ޑޮކްޓަރުންގެ ހުއްދައާއި އެކު ޔުމްނު މިރޭ ފުރުވާލުމުގެ ކުރިން އޭނާގެ ފަރުވާގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ގޮތަށް ނިންމި ކަމަށް އާއިލާ އިން ކުރިން ބުންޏެވެ. ނަމަވެސް ޔުމްނުގެ އާއިލާ އިން މިރޭ ބުނީ އޭނާގެ ފަރުވާއަށް ސަރުކާރުން ދޭން ނިންމީ 25،000 ޑޮލަރު ނުވަތަ 385،500 ރުފިޔާ ކަމަށެވެ.

ސަރުކާރުން ދިން ފައިސާ އަކީ ޔުމްނުގެ ފަރުވާއަށް ހިނގާނެ ހަރަދުގެ ވަރަށް ކުޑަ މިންވަރެއް ކަމަށްވާތީ އާއިލާއިން މިރޭ ވަނީ ސޯޝަލްމީޑިއާގައި ހާއްސަ ކެމްޕޭނެއް ހިންގައިގެން މިރޭ އެކަނިވެސް ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފަ އެވެ.

އާއިލާއިން ބުނާ ގޮތުގައި ޔުމްނުގެ ފުރަތަމަ ސާޖަރީއަށް އެކަނިވެސް 878،940 ރުފިޔާ ހަރަދުވާނެ އެވެ. އަރާ ކަމަށެވެ.

ޔުމުނު ވެއްޓުނު މައްސަލައިގައި ހިމެނޭ އެންމެން ދެނެގަނެ އެ މީހުން ފުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ޔުމްނު ވެއްޓުނު ވަގުތު އޭނާއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.