ފުޓްބޯޅައިގައި ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑް އަދި ބާސެލޯނާގެ ކުރިމަތިލުން (އެލް-ކްލެސިކޯ)، ބާސެލޯނާއިން ކާމިޔާބުކޮށް ކޮޕަ ޑެލް ރޭ ގެ ތަށި 32 ވަނަ ފަހަރަށް އުފުލާލައިފި އެވެ.
ބާސެލޯނާއިން 3-2 ގެ ނަތީޖާއަކުން ރޭގެ މެޗު ކާމިޔާބުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ކުޅުނު 15 މިނެޓްގެ ދެ ހާފުގެ ތެރެއިން ދެވަނަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކުންޑޭ ޖެހި ގޯލަކާ އެކު އެވެ.
ފުރަތަމަ ހާފުގައި ބާސެލޯނާއަށް ލީޑު ހޯދައިދިނީ ޕެޑްރީ އެވެ. ލަމިން ޔަމާލް ފޮނުވާލި ޕާހުގެ ބޭނުން ހިފައި، އޭނާ ގޯލުގެ މަތީ ކަނަށް ބާރު ޝޮޓެއް ޖަހާލައިގެންނެވެ.
ދެވަނަ ހާފުގައި މެޑްރިޑްގެ އެމްބާޕޭ، ހިލޭ ޖެހުމަކުން ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ޓުޗަމެނީ އަރްދާ ގުލަރުގެ ކޯނަރަކުން ބޮލުން ގޯލެއް ޖަހައި ރެއާލް އިން ވަނީ މެޗުގެ ލީޑުވެސް ނަގާފަ އެވެ.
އެކަމަކު މެޗުގެ 84 ވަނަ މިނެޓުގައި ބާސެލޯނާގެ ފެރަން ޓޮރޭސް ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފަ އެވެ. މެޗުގެ 90 މިނެޓު ނިމުނުއިރު ދެ ޓީމު އެއްވަރުވެފައިވާތީ ނަތީޖާ ނެރުމަށް 15 މިނެޓުގެ ފޯރިގަދަ ދެ ހާފް ކުޅުނެވެ.
މިވަގުތުގައި ބާސެލޯނާގެ ޑިފެންޑަރު ކުންޑޭ، މެޑްރިޑުން ހެދި ގޯހެއްގެ ބޭނުން ހިފައި އޭރިޔާ ބޭރުން ޖެހި ޝޮޓަކުން ބާސާއަށް ތަށި ކަށަވަރުކޮށްދިން ގޯލް ޖަހައިދިނެވެ. މެޗުގެ އެންމެ ފަހު ވަގުތުތަކުގައި މެޗު ހޫނުވުމާއެކު، ރިއަލް މެޑްރިޑްގެ ޑިފެންޑަރު އެންޓޯނީ ރުޑިގާއަށް ރެފްރީ ވަނީ ރަތް ކާޑުވެސް ދައްކާފަ އެވެ.
ކޮޕަ ޑެލް ރޭގެ ތަށި އެންމެ ގިނައިން ނަގާފައިވަނީ ބާސެލޯނާއިންނެވެ. އެއީ 32 ފަހަރެވެ. އެތްލެޓިކް ބިލްބާއޯއިން 24 ފަހަރު އަދި ރިއަލް މެޑްރިޑުން 20 ފަހަރު މި ތަށި ނަގާފައިވެ އެވެ.
މި ދެޓީމުގެ ދެން އޮތް ކުރިމަތިލުން ލަލީގާގައި އަންނަ މަހު 11 ވަނަ ދުވަހު ބާސެލޯނާގެ ދަނޑުގައި އޮންނާނެ އެވެ.