ޖޭއެސްސީ

އަޒްމިރާލްދާގެ ދިފާއީ އެއްވެސް ހެއްކެއް ބަލައިނުގަނެ، އަޒްމިރާލްދާ މިރޭ ވަކިކުރަނީ

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާ ދެކޮޅަށް ޖޭއެސްސީ އިން ކުރިއަށް ގެންދާ ތަހުގީގަށް، އަޒްމިރާލްދާގެ ފަރާތުން ހުށަހެޅި ދިފާއީ އެއްވެސް ހެއްކެއް ބަލައިނުގަނެ، އަޒްމިރާލްދާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން މިރޭ ޖޭއެސްސީގެ ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާ ދެކޮޅަށް ޖޭއެސްސީ އިން ކުރިއަށް ގެންދާ ތަހުގީގަށް އެކުލަވާލާފައިވާ ތަހުގީގު ކޮމިޓީން ބޮޑު އޮޅުވާލުމެއް އޮޅުވާލާފައިވާކަން މީގެ ކުރިންވަނީ ހާމަވެފަ އެވެ.

ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރުންގެ ތަހުގީގު ކޮމިޓީގައި ތިއްބަނީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެންބަރު އަލީ އަބްދުލަތީފާ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު، އަދި ރައީސްގެ މެންބަރު ޔަޒްމީދު މުހައްމަދެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމިރާލްދާ މަގާމުން ވަކިކުރަން ސަރުކާރުން ބޭނުންވެ އެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މަސައްކަތް ކުރިއަށްދަނީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންނެވެ. މި ކޮމިޓީން ޑރ. އަޒްމިރާލްދާ އަދި މަހާޒް ވަކިކުރަން، ހިންގި ތަހުގީގަށް ބަޔާންދިން އެއްވެސް މީހަކު، އެ ދެ ފަނޑިޔާރުންގެ ސުކޫލީ މައްސަލައެއް ސާބިތުވާފަދަ އެއްވެސް ބަޔާނެއް ދީފައި ނުވިނަމަވެސް އެ ކޮމިޓީން ނިންމާފައިވަނީ ފަނޑިޔާރުން ވަކިކުރާށެވެ. އަދި ޑރ. އަޒްމިރާލްދާ އޭނާގެ ދިފާއުގައި ހުށަހެޅި އެއްވެސް ހެއްކެއް ކޮމިޓީން ބަލައި ނުގަންނަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އަޒްމިރާލްދާގެ ފަރާތުން ކުރިން ނެރުނު ބަޔާނުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަޔާންދީފައިވާ ދަށު ކޯޓުގެ ތިން ގާޒީންވެސް އެއިން ގާޒީއަކަށް އަޒްމިރާލްދާވެސް އަދި މީހަކު މެދުވެރިކޮށްވެސް ނުފޫޒު ފޯރުވަން ގުޅާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އެކަމަކު އެ ގާޒީންގެ ބަޔާނުގައި ނެތް ވާހަކަތަކެއް، އެ ގާޒީންނާ ހަވާލާދީ ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައިވާކަން އަޒްމިރާލްދާގެ ވަކީލުންގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމިޓީގެ ބަޔާންތަކުން ފެންނަން އޮތް ގޮތާއި ކަނޑައެޅިގެން ހިލާފަށް އަދި ގާޒީންގެ ބަޔާނާ ހަވާލާދީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކޮމިޓީން ތަހުގީގު ރިޕޯޓުގައި ހިމަނާފައިވުމަކީ ކޮމިޝަނުން ނުވަތަ ތަހުގީގު ކޮމިޓީން މައްސަލަތައް ބަލަންވާނީ އިންސާފުވެރިކަމާއެކު ކޯޓުތަކާއި ފަނޑިޔާރުންނާމެދު އޮންނަން ޖެހޭ އިތުބާރު ގާއިމުކޮށް، ދެމެހެއްޓުމުގެ އަސާސްގެ މައްޗަށް ކަމަށް ބަޔާންކޮށްފައި އޮންނަ އުސޫލާ ހިލާފު ކަމެއް ކަމުގައި އަޒްމިރަލްދާގެ ވަކީލުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އަޒްމިރާލްދާގެ ފަރާތުން ވަނީ އޭނާގެ ސަސްޕެންޑްކޮށްފައިވާ މައްސަލަ، ޔޫއެން ސްޕެޝަލް ރެޕަޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސް އަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ސަރުކާރުން ޖަވާބުދާރީވާންވެސް ވަނީ އަންގާފައެވެ.

އަޒްމިރާލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތައް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދުނު ނަމަވެސް އެ ފުރުސަތު ނުދޭން ޖޭއެސްސީ އިން ކުރިން ވަނީ ނިންމާފަ އެވެ.