ޑރ. މުހައްމަދު މުއިއްޒު

އިންސާފު ގާއިމުކުރުމުގައި ނުފޫޒެއްގެ ދަށު ނުވާނަން: ރައީސް

އިންސާފު ގާއިމުކުރުމުގައި ނުފޫޒެއްގެ ދަށު ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓުނު ހާދިސާއަށް އަލިއަޅުއްވާލައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރު އަޅާ ސަރުކާރެއް ކަމަށާއި އެއްވެސް ރައްޔިތަކާ މެދު ތަފާތު ނުކުރައްވާނެ ކަމަށެވެ.

"އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މި ހާދިސާގައި ގިނަ ބައެއްގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދޭން ބޭނުންފުޅުވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރާ ކޮމިޝަނެއް އުފައްދާ ގިނަ ބާރުތަކެއް ދީފައިވާއިރު ބަލަންޖެހޭ ކަމެއް ބެލުމަށް އެ ކޮމިޝަނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު މިވަނީ މިނިވަން ކޮމިޝަނެއް އުފައްދާފައި. ވަރަށް ގިނަ ބާރުތައް ދީފައިވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ވަރަށް އަވަހަށް ކަމުގެ ހަގީގަތް ހޯދޭނެ،" ރައީސް ވިދާޅުވި އެވެ.

މި ކޮމިޝަންގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ، އާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން އަދި ޑރ. މުހައްމަދު ހަބީބު، ސ. ހިތަދޫ، ސީސަންމާގެ އެވެ.