މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ އަޕްޑޭޓެއް ދީފި އެވެ.
މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ -- ރަސްމާލެ ތަރައްގީކުރުމަށް ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
އެޗްޑީސީ އިން މިއަދު ދިން މައުލޫމާތުގައިވާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 101 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
މީގެތެރޭގައި ހިމެނެނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)އާ ހަވާލުކޮށްގެން ހިއްކި ސައިޓް ޖޭގެ 29 ހެކްޓަރުގެ ބިމާއި، މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ސައިޓް އެލް، ޖީ، އެފް، ޑީގެ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން، 72 ހެކްޓަރުގެ ބިމެވެ.
ރަސްމާލެ ތަރައްގީކުރާ ފުށިދިއްގަރުފަޅުން މިހާރު ހިއްކިފައިވާ 101 ހެކްޓަރުގެ ބިމަކީ ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑު ސަރަހައްދެކެވެ.
ބިން ހިއްކުމުގެ މަޝްރޫއުއާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްކޮށެވެ. މިއީ ހުޅުމާލެއަށް ވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެކެވެ. ރަސްމާލޭގައި 240،000 އަށްވުރެ ގިނަ މީހުން އާބާދުކުރެވޭނެ ކަމަށް ލަފާ ކުރެ އެވެ.
އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11،000 ގޯއްޗާއި، 26،000 އަށް ވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. މިއީ ބިމުގެ ބޮޑު މިނަށް ބަލާނަމަ މިހާރު އޮތް ހުޅުމާލެއަށް ވުރެ ތިންގުނަ ބޮޑު ސިޓީ އެކެވެ.
މި މަޝްރޫއު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. ގެދޮރުވެރިކަމުގެ އިތުރުން ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެންދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައްވެސް ހިމަނައިގެންނެވެ.