ޒަކިއްޔާގެ މަރުގެ

ޒަކިއްޔާގެ މަރުގެ މައްސަލަ ބެލުމަށް ކޮމިޝަނެއް ހެދުމަށް އެދިއްޖެ

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ހާއްސަ އިންކްއަރީއެއް ހެދުމަށް މިނިވަން ކޮމިޝަނެއް އުފައްދައިދިނުމަށް ޒަކިއްޔާގެ އާއިލާ އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެ އެވެ.

ޒަކިއްޔާގެ ކޮއްކޮ -- އާމިނަތު ޝަޒިއްޔާ މިކަމަށް އެދިފައި މިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ދޭތެރޭ އެތައް ބަޔަކު ސުވާލު އުފައްދާފައިވާތީ އެ މައްސަލަ ބެލުމަށް ރޭގެ ވަގުތެއްގައި ރައީސް މުއިއްޒު ނެރުއްވި ގަރާރެއްގެ ދަށުން ހާއްސަ ކޮމިޝަނެއް އުފައްދަވާފައި ވަނިކޮށެވެ.

ޒަކިއްޔާ ދިރިއުޅޭ ގޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރު އެވެ. އުމުރުން 50 އަހަރުގެ ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ހޮޅުދޫއަށް ގެންގޮސް ވަޅުލީ ސެޕްޓެމްބަރު 12 ވަނަ ދުވަހު އެވެ.

ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ފުލުހުން ހަދާފައެއް ނުވެ އެވެ. ނަމަވެސް ދިވެހި ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސްގެން ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ހަދާފައިވެ އެވެ.

އޭގެފަހުން ފުލުހުން ބުނެފައިވަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ހަށިގަނޑަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށް ވާޗުއަލް އޮޓޮޕްސީ އިން އެނގޭ ކަމަށެވެ. ނަމަވެސް ފުލުހުންގެ ވާހަކަތައް ޒަކިއްޔާގެ އާއިލާގެ މީހުން ގަބޫލެއް ނުކުރެ އެވެ.

ވާޗުއަލް އޮޓޮޕްސީގައި ބޭނުންކުރާނީ ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ސްކޭން ފަދަ ޓެސްޓްތަކެވެ.

ޝަޒިއްޔާ މިއަދު ނެރުނު ބަޔާނުގައިވަނީ ޒަކިއްޔާގެ މަރުގެ ތަހުގީގުގެ އެއްވެސް ކަމެއް ފުލުހުން ބައިވެރި ނުކޮށް ރައީސް އަށް ލިބިދޭ ބާރުގެ ދަށުން ހާއްސަ ކޮމިޝަނެއް އުފައްދައިގެން މައްސަލަ ބެލުމަށް އެދިފަ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވާޗުއަލް އޮޓޮޕްސީއެއް ހެދި ކަމަށް ބުނެ ފުލުހުން ހެދީ ދޮގު ކަމަށެވެ. އާއިލާ އިން އެގޮތަށް ތުހުމަތުކުރަނީ އެ ރިޕޯޓް ހޯދުމަށް އާއިލާ އިން އެދުމުން ފުލުހުންނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެކަމަށް ޖަވާބު ނުދިނުމުން ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ހޮޅުދޫ ރައްޔިތުންނާއި އާއިލާއިން މި ތިބީ ފުލުހުން ބުނާހާ އެއްޗެއް ގަބޫލުކުރާ ގޮތަކަށް ނޫން. ބުއްދި ހަމަޖެހޭ ވާހަކަދައްކަން ވާނެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާއިރު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޯޕްސީ ނުހެދުމަކީ ގޯސް ނިންމުމެއް ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.