ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ އެ ހާދިސާގެ ކަންކަން ހިނގާ ދިޔަ ގޮތް ސާފުވާން އެންމެންވެސް ބޭނުންވެ އެވެ.
ޔުމްނުގެ އާއިލާ އާއި ހެޔޮ އެދޭ މީހުން ފަދައިން ސަރުކާރުންވެސް އެ ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ސައްހަ މައުލޫމާތު ބޭނުންވެ އެވެ. މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު ސަރުކާރުން ދެން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޔުމްނުއަށް ލިބިފައިވާ ބޮޑެތި އަނިޔާތަކާ ގުޅިގެން އޭނާއަށް ކޮންމެހެން ލިބެންޖެހޭ ބޭސް ފަރުވާގެ އިންތިޒާމު އަވަހަށް ހަމަޖައްސައިދިނުމަށެވެ.
އާއިލާ އާއި ސަރުކާރު ގުޅިގެން ކުރި މަސައްކަތުން އަދި ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ރޭގެ ވަގުތެއްގައި ވަނީ ޔުމްނުއަށް ބޭނުންވާ އިތުރު ސިއްހީ ފަރުވާ ދިނުމަށް މެލޭޝިއާއަށް ފުރުވާލާފަ އެވެ. ޔުމްނުގެ ބޭސް ފަރުވާއަށް އާންމު ރައްޔިތުންގެ ފަރާތުންވެސް ފައިސާގެ ބޮޑު އަދަދެއް ހަމަޖައްސައިދީފައިވެ އެވެ.

ޔުމްނުއަށް އަނިޔާވީ މަސްތުގެ ހާލަތުގައި ހުއްޓާ އުސް އިމާރާތަކުން އެހެން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުމުން ކަމަށްވާތީ އޭނާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެކަމަކު މިހާދިސާ ހިނގާ ދިޔަ ގޮތުގެ ތެދު މައުލޫމާތުތަކެއް އަދި މިހާތަނަށް ތަހުގީގަށް ހޯދިފައި ނުވާތީ އާއި ޔުމްނުއަށް ލިބިފައިވާ ބޮޑެތި އަނިޔާތަކާ ގުޅިގެން މާލޭގައި ކޮންމެ ރެއަކު ބަޔަކު ދަނީ ޔުމުންއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މުޒާހަރާކުރަމުންނެވެ.
އިންސާފު ހޯދުމަށް މުޒާހަރާ ކުރުމާއި އަޑުއުފުލުން ގޯހެއް ނޫނެވެ. ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވާތީ ގާނޫނީ އިމުގެ ތެރެއިން އަދި އަދަބު އަހްލާގުގެ ތެރެއިން ހައްގު ހޯދަންޖެހޭނެ އެވެ. ނަމަވެސް މި މުޒާހަރާތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތައް ފެނުމާއި ބަސް މަގު ބޭނުންކުރުމަކީ މުޒާހަރާގެ މަގުސަދާ މެދު މީހުން ސުވާލު އުފައްދާނެ ކަމެކެވެ. އޭރުން ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކާ ދޭތެރޭ ސުވާލު އުފައްދާނެ އެތައް ބަޔަކު ތިބޭނެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ގޮތް ކަމުނުދާނަމަ އެކަމާ ދެކޮޅަށް އަޑުއުފުލައި އެ ވާހަކަ ބުނުމަކަށް އެއްވެސް މީހަކު އަދި އެއްވެސް އިދާރާއަކުން ވެސް ދެކޮޅެއް ނުހަދަ އެވެ. އެކަމަކު އެ ކަންކަން ކުރަންވާނީ ހަމަޖެހިފައި ހުންނަ އިޖުރާއަތުތަކުގެ ތެރެއިން ތަހުޒީބީ ގޮތެއްގައެވެ. އިންސާފު ހޯދަން ނިކުންނަންވާނީ މަޝްވަރާ އިސްކޮށްގެންނެވެ. ކަމާގުޅޭ ފަރާތްތަކަށް ހާލަތަށް ރިއާޔަތްކޮށްގެން އެކަށީގެންވާ ވަގުތުވެސް ދޭންޖެހޭނެ އެވެ. ދޫދެވެން ހުރި ކަންކަމުގައި ވީހާވެސް ބޮޑަށް ދޫދިނުމަކީވެސް އިންސާފު ލިބުމަށް އެދޭ ބައެއްގެ ތެރޭގައި އޮންނަންވާނެ އާދައެކެވެ.
މުޒާހަރާ ކުރާ މީހުން ފުލުހުންގެ ތަހުގީގާ މެދު ތަކުރާރުކޮށް ސުވާލު އުފައްދަމުންދާތީ އާއި އެމީހުންގެ ހުށަހެޅުމެއްގައި އޮތް ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭގެ ވަގުތެއްގައި ވަނީ ޔުމުނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފައްދަވާފަ އެވެ.
ރައީސް ނެރުއްވި ގަރާރުގައި ކޮމިޝަނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ވަނީ ދީފަ އެވެ. ކޮމިޝަންގައި ތިއްބެވި ތިން ބޭފުޅުންނަކީވެސް އިލްމާއި ތަޖުރިބާގެ ގޮތުން ރާއްޖެއިން އެފަދަ ކަމަކަށް ނެގޭނެ އެންމެ ރަނގަޅު ބޭފުޅުންނެވެ. ކޮމިޝަންގެ ރައީސް އަކަށް ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ހަމަޖައްސަވާފައިވާތީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުގެ ނިޔަތް ސާފުކަން އެނގެ އެވެ.
ރައީސް މުއިއްޒު މިއަދު ވިދާޅުވި ގޮތުގައި ޔުމްނުއަށް އިންސާފު ހޯދައިދޭން ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ އެވެ. އެ މަސައްކަތުގައި އެމަނިކުފާނުގެ މައްޗަށް ނުފޫރު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް އަޑުއުފުލަމުންދާ މީހުންގެ ޝަކުވާތަކާއި ޝުއޫރުތައް އަޑުއައްސަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.

އެހެންކަމުން ދައުލަތުގެ އެންމެ އިސްވެރިޔާ ޔުމްނުއަށް އިންސާފު ހޯދައިދޭން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅުއްވަމުން ގެންދަވާއިރު ރައީސް މުއިއްޒަށް އަދި ސަރުކާރަށް ވަގުތު ދިނުމާއި ފިޔަވަޅުތައް އަޅަން ފުރުސަތު ދިނުން މުހިއްމެވެ. އެކަމަކު މުޒާހަރާ ކުރާ ބައެއް ފަރާތްތަކުން ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ އަބުރަށް ހުތުރުވާ ގޮތަށް އަދި އެ ބޭފުޅުންގެ ގާނޫނީ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރާ މަންޒަރު ފެނިގެން އެބަދެ އެވެ. ދައުލަތުގެ ބައެއް އިދާރާތަކުގެ އިތުބާރު އާންމުންގެ ތެރޭގައި ގެއްލޭ ގޮތަށް ވާހަކަވެސް ދައްކަމުން އެބަދެ އެވެ. އިންސާފު ހޯދަން އުޅޭ ބަޔަކަށް އެއީ ހެދޭ ގޯހެކެވެ.
ޔުމްނުއަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރަންވާނީވެސް އިންސާފުވެރި ހަމަތަކެއްގެ ތެރެއިންނެވެ. އިންސާފު ހޯދަން ނިކުންނަ މީހާގެ ބަސްމަގާއި އަމަލުތައް ރީތިވާންވާނެ އެވެ. އެ މީހުން ނަމޫނާ ބަޔަކަށް ވާންޖެހޭނެ އެވެ. ޖަޒުބާތުގައި ނުޖެހި މަޝްވަރާ އިސްކޮށް ސުލްހައަށް ލޯބިކުރަންޖެހޭނެ އެވެ.

ޔުމްނުއަށް އިންސާފު ލިބުމަށް ދެކޮޅު ހަދާނެ އެއްވެސް މީހަކު ހުންނާނެ ކަމަކަށް ނުބެލެވެ އެވެ. ޔުމްނުއަށް ލިބިފައިވާ ބޮޑެތި އަނިޔާތަކަށް އަވަސް ޝިފާއަކަށް ނޭދޭނެ ހަމައެކަކުވެސް ހުންނާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އިންސާފު އެދޭނަމަ އިންސާފުވެރި ވާންވެސްވާނެ އެވެ.